ޚަބަރު

ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް ވޯލްޑް ބޭންކުން މަރުޙަބާ ކިޔައިފި


ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އޭގެކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ލޮޅުމެއް އެރުމަށްފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ.

ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މެނޭޖުކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޢާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ހާމަކުރާގޮތުގައި، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ޚަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ޚާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ. އެހެންނަމަވެސް މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ، ދެފުށްފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ޚަރަދުތަކާއި ދަރަނި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މި ރިޕޯޓަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ހަރަދުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބިދޭ ބާރެއް ކަމަށެވެ.

"ޢާމްދަނީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ އަދި ކުރިއަށް އޮތް ތާނގައި އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދީ، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ ހަރުދަނާ ގޮތެއްގައި ކަނޑައެޅޭނެ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ޕީއީއާރު ރިޕޯޓުގައި، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުންފަދަ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ އާމްދަނީ، ޚާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ވަނީ ދެނެގަނެފެ އެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓަރކުރުން ހިމެނެއެވެ.

މި ރިޕޯޓާ ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ނޭޕާލައަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައި ކަމަށެވެ އޭގެ ތެރޭގައި، ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭ ކަމަށެވެ.

"ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔަން. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށް." ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ދައުލަތުގެ ޚަރަދުތައް ބެހުމުގައި މިހާރަށްވުރެ އިންސާފުވެރި ގޮތަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ. މިސާލަކަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި، އާމްދަނީއަށް ބިނާކޮށް ޓާގެޓްކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުމަކީ، ގެދޮރު އަމިއްލަކުރުމަށް އެޅޭ އިތުރު ބާރެކެވެ. އެއީ ކުލި ދައްކަމުންގޮސް ގެދޮރު އަމިއްލަ ކުރުމަށް ހިންގާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

ދައުލަތުގެ މުވައްޒަފުންގެ އުޖޫރައާ ގުޅޭގޮތުން ރިޕޯޓުގައި ނުހަމަކަން ހުންނަ ޢިނާޔަތްތަކުގެ ތެރެއިން ގިނަ ޢިނާޔަތްތައް އެއްހަމަކޮށް ނުވަތަ ދިނުން ހުއްޓާލާއި އަދި އިތުރު ގަޑީގެ އިނާޔަތް ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށް ބުނެފައިވެއެވެ. އަލަށް އެކުލަވާލި، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ ރަނގަޅު މިސްރާބަށް އެޅުނު ފުރަތަމަ ފިޔަވަޅު ނަމަވެސް، މި އިސްލާހު ކާމިޔާބުކުރުމަށްޓަކައި، މުސާރަތަކަށް ކުރާ ޚަރަދު ކޮންޓްރޯލްކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމާއި، އެ ނޫންވެސް ކަމާ ގުޅޭ އިސްލާހުތައް ގެނައުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ސިވިލް ސާވިސްގައި އޮތް "ޑަބަލް ޕެންޝަން"ނައްތާލައި، ޕެންޝަން ނިޒާމުގެ ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި، މިހާރު ރިޓަޔާކޮށްފައިވާ މީހުންނަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ މީހުންނަށް، މި ސްކީމްގެ ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށްވެސް ވޯލްޑު ބޭންކުން ބުނެފައިވެއެވެ.

"ޕަބްލިކް އެކްސްޕެންޑިޗަ ރިވިއު" އަކީ، ވާލްޑް ބޭންކުގެ މައިގަނޑު އެނަލިޓިކަލް ޕްރޮޑަކްޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ޚަރަދުތަކުގެ ފެންވަރު ވަޒަންކޮށް، ގައުމުތަކުން ރަނގަޅު ކުރިއެރުމާއި ތަރައްގީގެ ނަތީޖާތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މާލީ އިސްލާހުތައް ދެނެގަތުމެވެ. މިއީ 2002ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ޚާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.