ޚަބަރު

ޗައިނާގެ އަސްކަރީ ތަމްރީނުތައް މުއްދަތެއް ނެތް ގޮތަށް ދަންމާލައިފި


ޗައިނާއިން ޓައިވާނު ކައިރީގެ ކަނޑުގެ ސަރަޙައްދުގައި ހިންގަމުންދާ އަސްކަރީ ތަމްރީނުތައް ހުއްޓައިނުލައި، އިތުރަށް ދަންމައިލަން ނިންމައިފިއެވެ. ޗައިނާއިން މި އަސްކަރީ ތަމްރީނުތައް ފަށާފައި ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ޒިޔާރަތް ކުރެއްވުމުން، އެ ކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

ޗައިނާއިން ކުރިން ރާވާފައި އޮތީ އޮގަސްޓު 7 ވަނަ ދުވަހު އަސްކަރީ ތަމްރީނުތައް ނިންމައިލާށެވެ. ނަމަވެސް، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ ތަމްރީނުތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، މި ތަމްރީނުތައް ކުރިއަށް ގެންދާނެ މުއްދަތު އެ ޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަސްކަރީ ތަމްރީނުތައް ހިންގުމުގެ ނަމުގައި ޗައިނާއިން ދަނީ ޓައިވާނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގަމުންނެވެ. މި ގޮތުން، އެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ދަނީ ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަންނަމުންނެވެ.

އަސްކަރީ ތަމްރީނުތައް މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދަން ޗައިނާއިން ނިންމުމުން ޓައިވާނުން ވަނީ މި ކަމާ ނުރުހުން ފާޅު ކޮށްފައެވެ. ޓައިވާނުގެ ޚާރިޖީ ވުޒާރާއިން ވަނީ، ކާރިސާއެއް އުފައްދަން ޗައިނާއިން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި، އަސްކަރީ ތަމްރީނުތައް ވަގުތުން ހުއްޓައިލުމަށް އެ ޤައުމުން ވަނީ ޗައިނާއަށް ގޮވައިލާފައެވެ.

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަސްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ވަނީ ފުރަތަމަ ފަހަރަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޓައިވާނުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމުގައި ވިދާޅުވެ، ބައިޑަން ވަނީ އަސްކަރީ ތަމްރީނުތަކުގެ ބޭރުން ޗައިނާއިން އިތުރު ފިޔަވަޅެއް އަޅާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.