ދުނިޔޭގެ ވިޔަފާރި

ހުޅަނގުގެ ޤައުމުތަކުން ރަޝިއާގައި އިންވެސްޓުކުރުން މަނާކޮށްފި


ރަޝިއާގެ މުހިންމު ޕްރޮޖެކްޓުތަކަށް ހިއްސާ ވިއްކުމާއި ބޭންކުންތަކުން ހިއްސާ ވިއްކުން ކުރިއަށްއޮތް އެއް އަހަރު ދުވަހަށް ހުޅަނގުގެ ޤައުމުތަކުގެ އިންވެސްޓަރުންނަށް އެ ޤައުމުން މަނާކޮށްފިއެވެ.

މިއާއިއެކު ރަޝއާއިން މިވަނީ ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޕްރެޝަރު އިތުރުކޮށްފައެވެ.

ޖަޕާން ހިމެނޭ ގޮތަށް ހުޅަނގުގެ ޤައުމުތަކާއި އެކުވެރި ޤައުމުތަކުން ވަނީ ފެބްރުއަރީ މަހު ފަހުކޮޅު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ރަޝިއާއިން ވަނީ ހުޅަނގުގެ ވިޔަފާރިތަކަށާއި އެޤައުމުތަކުގެ އެކުވެރިން ރަޝިޔާ ދޫކޮށް ދިއުމަށް ހުރަސްތަކެއް އަޅާފައެވެ. އަދި ބައެއް ހާލަތްތަކުގައި އެމީހުންގެ މުދާތައް އަތުލުމަށްވެސް ރަޝިއާއިން ވަނީ ނިންމާފައެވެ.

ރައީސް ވްލަޑިމިއާ ޕޫޓިން ސޮއިކުރައްވައި ހުކުރު ދުވަހު ނެރުނު ޤަރާރުގައި ވާގޮތުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތާއީދުކުރި ޤައުމުތަކުގެ އިންވެސްޓަރުން ޕްރޮޑަކްޝަން ޝެއަރިން އެގްރީމަންޓްސް (ޕީއެސްއޭ) ގައި އެސެޓްތައް ވިއްކުން ވަގުތުން މަނާކޮށްފައިވެއެވެ. ސްޓްރެޓެޖިކް އެންޓިޓީތަކާއި، ހަކަތައަށް ބޭނުންވާ ސާމާނު އުފައްދާ ކުންފުނިތަކުގެ އިތުރުން، ތެލާއި ގޭސް އުފެއްދުމުން ފެށިގެން ކޯލާއި ނިކަލްއާއި އެހެނިހެން މަޝްރޫއުތައް ކުރިއަށްގެންދާ ފަރާތްތައްވެސް މީގައި ހިމެނެއެވެ.

ވަކި ޑީލްތައް ކުރިއަށް ގެންދިއުމަށްޓަކައި ވަކި ހާލަތްތަކެއްގައި ވަކި ބަޔަކަށް ޕޫޓިންއަށް ހާއްސަ މައާފެއް ދެވޭނެކަމަށާއި ޕޫޓިންގެ ރުހުން ހޯދުމަށްޓަކައި ސަރުކާރާއި މަރުކަޒީ ބޭންކުން، ބޭންކުތަކުގެ ލިސްޓެއް ތައްޔާރު ކުރަން ޖެހޭ ކަމަށް އެ ޤަރާރުގައިވެއެވެ. އެ ޤަރާރުގައި އެއްވެސް އިންވެސްޓަރެއްގެ ނަން ފާހަގަކޮށްފައިނުވެއެވެ.

މި މަނާކުރުމުގައި ގާތްގަނޑަކަށް ހުރިހާ ބޮޑެތި މާލީ އަދި ހަކަތައާ ބެހޭ މަޝްރޫއުތަކެއް ހިމެނޭއިރު، އެ މަޝްރޫއުތަކުގައި އަދިވެސް ބޭރުގެ އިންވެސްޓަރުންގެ ހިއްސާ އޮތްއިރު، އޭގެ ތެރޭގައި ރަޝިއާގެ ސަޚާލިން-1 ތެލާއި ގޭސް މަޝްރޫއުވެސް ހިމެނެއެވެ.