ޚަބަރު

44 މުސްލިމުން ޝަހީދުކޮށްލުމަށްފަހު ޔަހޫދީންގެ އުދުވާންތައް ހުއްޓާލައިފި


ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުން ދިޔަ ލާއިންސާނީ އުދުވާންތައް ހުއްޓައިލައިފިއެވެ. ނަމަވެސް، 44 މުސްލިމުން ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ މުސްލިމުން ޒަޚަމްކޮށްލުމަށް ފަހުއެވެ. އަދި، ބޮން އަޅައި، އެތަކެއް މުސްލިމް ޢާއިލާތަކެއް ދިރިއުޅެމުން ދިޔަ ގެދޮރު ސުންނާފަތިކޮށް، ބިމާ ހަމަކޮށްލުމަށް ފަހުއެވެ.

ޔަހޫދީންގެ ފައުޖުތަކުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ އޮގަސްޓު 5 ގައެވެ. ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފަށާފައި ވަނީ، އެ ތަނުގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ބައްސާމް އަލްސާދީ ހައްޔަރު ކުރުމާ ގުޅިގެން އެ ޖަމާޢަތުން އިސްރާޢީލަށް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.

އަދި، އުދުވާންތަކުގައި އެ ޖަމާޢަތަށް ނިސްބަތްވާ އިތުރު ދެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީން ބުނި އިރު، ޔަހޫދީންގެ މިސައިލްތަކާއި ބޮންތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް ތުއްތުކުދިން ވެސް ވަނީ ޤަތުލުކޮށްފައެވެ. މީގެ ތެރޭގައި ފަސް އަހަރުގެ ކުއްޖަކު ހިމެނެއެވެ. އަދި، ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޔަހޫދީންގެ ޖަރީމާގައި ޒަޚަމްވެފައެވެ.

"އެ މީހުން ބޮން އަޅަން ފެށީ އަހަރެންގެ ކާފަގެ ގޭގައި ހުއްޓައި. ސީލިންގ ވެއްޓިދާނެ ހެން ހީވީ. ބިރުން ފިށްކަނޑައިގެން ދާވަރުވި. ދިރި ހުންނާނެ ކަމުގެ އެއްވެސް އުންމީދެއް އެއިރަކު ނެތް. ދެން އަވަހަށް ޝަހާދަތުގެ ދެކަލިމަ ކިޔަން ފެށިން،" ޔަހޫދީންގެ ނުރައްކާތެރި ހަމަލާއެއްގައި ފައި ބިނދި، ބޮޑެތި ޒަޚަމްތަކެއް ލިބުނު އެންމެ ނުވަ އަހަރުގެ ލީން މަތާރު ކިޔައިދިނެވެ.

މަތާރު ޒަޚަމްވީ ޔަހޫދީންގެ ބާރުގަދަ އަސްކަރީ މަތިންދާބޯޓުތަކުން ރަފާ ރެފިޔުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުންނެވެ. މި ހަމަލާގައި ކުށެއް ނެތް ފަސް މުސްލިމުން މަރުވިއެވެ. ނަމަވެސް، އެ ތަނަށް ބޮން އަޅާފައި ވަނީ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޚާލިދް މަންޞޫރަށް އަމާޒުކޮށް ކަމުގައި ޔަހޫދީން ބުންޏެވެ.

ރަފާއަށް ބޮން އަޅައި ޔަހޫދީން ވަނީ ޢާންމުން ދިރިއުޅޭ ހަ ޢިމާރާތެއް ބިމާ ހަމަކޮށްލާފައެވެ. ޔަހޫދީންގެ ލާއިންސާނީ އުދުވާންތައް އެންމެ ފަހުން ހުއްޓައިލުމުން، ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ، މިސައިލްތަކާއި ބޮންތަކުގެ ވާރެވިން ސުންނާފަތި ކޮށްލާފައިވާ އެ މީހުންގެ ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، އުދުވާންތަކުގައި ހަލާކުނުވެ، ސަލާމަތްވި އެ މީހުންގެ މުދާ ހޯދުމަށް މަސައްކަތް ފަށާފައެވެ.

ޔަހޫދީންގެ ނުރައްކާތެރި ހަމަލާތައް ފެށުމުން، ފަލަސްތީނުން ވެސް މަޑަކުން ނޯވެއެވެ. އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް، އެތައް ސަތޭކަ ރޮކެޓު ހަމަލާއެއް ދިނެވެ. ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ކުށެއް ނެތް ތުއްތުކުދިންގެ ހިތްތަކަށް ވެރިވެގެންދިޔަ ނާމާންކަމާއި ބިރުވެރިކަމުގެ އިހުސާސްތައް، ޔަހޫދީންގެ ހިތްތަކަށް ވެސް ވެރިކުރުވިއެވެ.

އިސްރާޢީލުގެ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ ޔަހޫދީން ވެސް ރޭގަނޑުގެ ވަގުތުތައް ހޭދަ ކުރަން ޖެހުނީ، ބޮމުގެ ހަމަލާތަކުން ދިފާޢުވުމަށް ތައްޔާރު ކޮށްފައިވާ "ޝެލްޓަރ" ތަކުގައެވެ. މީގެ އިތުރުން، ޤުދުސްގެ ހުޅަނގުގައިވާ ސަރަޙައްދުތަކަށް ވެސް އިސްލާމިކް ޖިހާދުން ވަނީ ފުރަތަމަ ފަހަރަށް ރޮކެޓް ހަމަލާތައް ދީފައެވެ.

އިސްލާމިކް ޖިހާދަކީ ޣައްޒާގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވެދޭ ޖަމާޢަތެކެވެ. ނަމަވެސް، ޣައްޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާޢަތުންނެވެ. އެއީ، އިސްލާމިކް ޖިހާދަށް ވުރެ، މާ ބާރުގަދަ، މެންބަރުންގެ އަދަދު މާ ގިނަ ޖަމާޢަތެކެވެ. ނަމަވެސް، ޔަހޫދީންގެ ނުރައްކާތެރި ހަމަލާތަކަށް ރައްދު ދިނުމުގައި ހަމާސް ޖަމާޢަތުން ބައިވެރިވެފައެއް ނުވެއެވެ.