ކުޅިވަރު

ހާލަންޑުގެ ދެ ލަނޑާއެކު ސިޓީއަށް ރަނގަޅު ފެށުމެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ވެސްޓް ހޭމުގެ ދަނޑުގައި ކުޅުނު މި މެޗް ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. މި މެޗުގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ އެ ޓީމާ އަލަށް ގުޅުނު ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. އެގޮތުން އޭނާ ވަނީ މި މެޗުގައި ސިޓީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދީފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ހާލަންޑް ކާމިޔާބުކޮށްފައިވަނީ 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ދިން ޕާހަކުންނެވެ.

މިއީ މީގެ 11 އަހަރު ކުރިން ސާޖިއޯ އަގުއޭރޯ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި ފަހުން، ސިޓީއަށް ކުޅުނު ފުރަތަމަ މެޗުގައި ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ހާލަންޑުގެ އިތުރުން ސިޓީއަށް އަލަށް ސޮއިކުރި ދެ ކުޅުންތެރިން ކަމަށްވާ ކެލްވިން ފިލިޕްސް އާއި ޖޫލިއަން އަލްވަރޭޒް ވަނީ ދެވަނަ ހާފުގައި ކުޅެން އަރުވާފައެވެ.