ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން ކުޑަ ހެންވޭރު ޔުނައިޓެޑް މޮޅުވިއިރު، ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޖޭޖޭ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ކުޑަ ހެންވޭރުން ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ކުޑަހެންވޭރުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފަހުކޮޅުގައެވެ. މި މެޗުގައި ބިސް ބުރުން އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިހުސާން ސައީދެވެ.
އެ ލަނޑު ޖެހިތާ ނުވަ މިނެޓު ފަހުން ކުޑަ ހެންވޭރުގެ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު އަޙްމަދު ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ކުޑަ ހެންވޭރު މޮޅުވި ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ބިސްބުރުގެ ލަނޑު ޖަހައިދިން އިހުސާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މޮޅާއެކު ކުޑަ ހެންވޭރުން ވަނީ ގްރޫޕް އެކެއްގެ އެއްވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން ތާވަލުގެ ދެވަނައިގައި ކުޑަ ހެންވޭރު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި ބުރު ސްޕޯޓްސް އޮތީ 21 ޕޮއިންޓާއެކުއެވެ.ކުޑަ ހެންވޭރަށް އަދިވެސް ސެމީ ކަށަވަރުނުވާއިރު، މި ގްރޫޕުގައި ހިމެނޭ ޓެންޓް ސްޕޯޓްސް ކުލަބަށްވެސް ސެމީގެ ފުރުސަތު އެބައޮތެވެ.
މީގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނޭ ޖޭޖޭ ސްޕޯޓްސް ކުލަބުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޖޭޖޭގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު އާހިލް އާމިރެވެ. އޭނާ މި ދެ ލަނޑުވެސް ޖަހާފައިވަނީ ސިފައިން ކުލަބުގެ ޑިފެންސް ލައިން ފަސޭހަކަމާއެކު ފޫއަޅުވާލުމަށް ފަހު އޭރިއާ ތެރެއަށް ވަނުމަށްފަހުއެވެ.
ސިފައިންގެ ކުލަބަށް މި މެޗުގައި އެ ޓީމުގެ އެންމެ ރަނގަޅު ކުޅުން ދެއްކިފައި ނުވާއިރު، ޚައްސަކޮށް އެ ޓީމުގެ ލަންކާ ފޯވާޑް ޝަބީރް ފެނުނީ ދަށްކޮށެވެ. އެއާއެކު ސިފައިންގެ ޓީމުން މެޗުގައި ބަދަލުތަކެއް ގެނައިރު، މި މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ޝަމްވީލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މޮޅާއެކު އަށް ޓީމު ވާދަކުރާ ގްރޫޕް އޭ ގެ ހަތަރުވަނައަށް ޖޭޖޭ ޖެހިލީ ހަ މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އެއާއެކު ކުލަބު ޕީކޭ ވަނީ ފަސްވަނައަށް ވެއްޓިފައެވެ. ޕީކޭއަށްވެސް ނުވަ ޕޮއިންޓް ލިބޭއިރު، ޖޭޖޭއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.