ޚަބަރު

އެމެރިކާގެ ނިއު މެކްސިކޯގައި މުސްލިމުން މަރަނީ


އެމެރިކާގެ ހުޅަނގު ދެކުނުގައިވާ ސްޓޭޓެއް ކަމުގައިވާ ނިއު މެކްސިކޯގައި ފަހަކަށް އައިސް މަރައިލާފައިވާ މުސްލިމުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ. އެ ސްޓޭޓްގެ އެންމެ ބޮޑު ރަށް ކަމުގައިވާ އެލްބަކަރކީގެ ފުލުހުންގެ އިސްވެރިޔާ ހެރޮލްޑް މެޑީނާ ވިދާޅުވީ، މަރައިލާފައިވާ ހަތަރުވަނަ މުސްލިމަކީ ޒުވާން އުމުރުގެ މީހެއް ކަމުގައެވެ. އޭނާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ، ފާއިތުވި ނުވަ މަހުގެ ތެރޭގައި ނިއު މެކްސިކޯގައި މަރައިލާފައިވާ ހަތަރުވަނަ މުސްލިމް މީހާއެވެ. މީގެ ތެރެއިން 62 އަހަރުގެ މުޙައްމަދު އަޙްމަދީ މަރައިލާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. 41 އަހަރުގެ އަފްތާބް ޙުސައިން މަރައިލާފައި ވަނީ މި ހުސްވި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި، މަރައިލާފައިވާ ތިންވަނަ މީހަކީ 27 އަހަރުގެ މުޙައްމަދު އަފްޒާލް ހުސައިނެވެ.

މި އެންމެން ވެސް މަރައިލާފައި ވަނީ ބަޑި ޖަހައިގެން ދީފައިވާ ހަމަލާތަކެއްގައެވެ. އަދި، މި ހަތަރު މީހުން ވެސް މަރައިލާފައި މި ވަނީ އެ މީހުންނަކީ މުސްލިމުންނަށް ވުމުން ކަމުގައި ބެލެވޭ ކަމުގައި އެލްބަކަރކީގެ ފުލުހުން ބުނެއެވެ. އަދި، އެ ކަން ކަށަވަރު ކުރުމަށާއި، މި ހަތަރު މީހުން ޤާތިލުން ހޯދުމަށް ތަހުޤީޤު ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުނެއެވެ. ނަމަވެސް، ތަހުޤީޤުގައި އަދި މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ.

މި ހަތަރު މީހުންގެ ޤާތިލުން ހޯދުމަށް އެހީތެރިވެދޭ މީހަކަށް 5,000 އެމެރިކާ ޑޮލަރުގެ އިނާމެއް ދިނުމަށް އެމެރިކާގައި ދިރިއުޅޭ މުސްލިމުން ތަމްސީލު ކުރާ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ވަނީ ހުށަހަޅާފައެވެ.