ޚަބަރު

ޣައްޒާގެ ޝަހީދުންގެ ޢަދަދު 30އަށް، އިސްލާމިކް ޖިހާދުގެ ވަރުގަދަ ރައްދެއް


ޔަހޫދީ އިސްރާޢީލުން ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ މުސްލިމުންގެ އަދަދު 30 އަށް އަރައިފިއެވެ. ޔަހޫދީން ޣައްޒާ ބަންދުކޮށް، އެ ރަށުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ އުދުވާންތަކެއް ހިންގަން ފަށާފައި ވަނީ އޮގަސްޓު 5 ގައެވެ.

މި އުދުވާންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައި ވާއިރު، އެތަކެއް ޢިމާރާތެއް ވަނީ ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައެވެ. ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޚާލިދު މަންޞޫރު ވެސް ހިމެނެއެވެ.

ޔަހޫދީންގެ އުދުވާންތަކުގެ ރައްދުގައި އެ ޖަމާޢަތުން ދަނީ އިސްރާޢީލުގެ އަމާޒުތަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދެމުންނެވެ. މީގެ ތެރެއިން ބައެއް ރޮކެޓުތައް ޤުދުސްގެ ހުޅަނގުގެ ސަރަޙައްދަށް ވެސް ވެއްޓިފައިވެއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

މިއީ، ޤުދުސްގެ ހުޅަނގުގެ ސަރަޙައްދުތަކާ ހަމައަށް ޣައްޒާއިން ރޮކެޓް ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ. އިސްރާޢީލަށް އަމާޒުކޮށް އެ ޖަމާޢަތުން އޮގަސްޓު 7 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް 580 އަށްވުރެ ގިނަ ރޮކެޓް ފޮނުވައިލާފައިވެއެވެ.

އެ ޖަމާޢަތުގެ ރޮކެޓް ހަމަލާތަކުގެ ތެރެއިން 97 އިންސައްތަ ރޮކެޓްތައް އިސްރާޢީލުގެ "އަޔަން-ޑޯމް" ދިފާޢީ ނިޒާމު ބޭނުން ކޮށްގެން، ވައިގެ ތެރޭގައި ވަނީ ނައްތައިލާފައެވެ. ނަމަވެސް، ރޮކެޓް ހަމަލާތަކާ ގުޅިގެން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޔަހޫދީން ބުނަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ އުދުވާންތައް ހުއްޓައިލާނީ، އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާތައް ހުއްޓައިލުމުން ކަމުގައެވެ. ނަމަވެސް، އެ ޖަމާޢަތުން ދީފާނެ ހަމަލާތަކަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އުދުވާނެއް އެންމެ ފުރަތަމަ ފަށާފައި ވަނީ ޔަހޫދީ އިސްރާޢީލުންނެވެ. މި އުދުވާންތައް ހުއްޓުވޭތޯ މިޞްރުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.