ކުޅިވަރު

މަދުވެގެން 2 މެޗުން މޮޅުވުން މުހިންމު - ކޯޗް ކަވަމޯޓާރ


މަދުވެގެން ދެ މެޗުން
މޮޅުވުމަކީ މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްއަށް ކަނޑައަޅާފައިވާ ފުރަތަމަ
އަމާޒުކަމަށް ޤައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް ނާކޮ ކަވަމޯޓަރ ބުނެފިއެވެ. 

ސައުތް އޭޝިއަން
ގޭމްސްއަށް އިންޑިޔާއަށް ފުރުމުގެ ކުރިން ޕީއެސްއެމްއާ ވާހަކަދައްކަމުން ޤައުމީ އަންހެން ޓީމްގެ
ކޯޗް ނާކޮ ކަވަމޯޓަރ ބުނީ މުބާރާތަަށް ވަރަށް ރަނގަޅަށް ތައްޔާރުވެވުނުކަމަށެވެ.
އަދި ބަޙްރެއިންގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ސަބަބުން ޓީމް ވަރަށް
ބޮޑަށް ކުރިއަރައިގެން ގޮސްފައިވާކަމަށެވެ. ހާއްސަކޮށް ކުޅުންތެރިންގެ ފިޓްނަސް
ލެވެލްވެސް މިހާރުވަރަށް ރަނގަޅުކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް ނާކޮ
ކަވަމޯޓަރ ބުންޏެވެ. މިސަރަހައްދުގެ ޓީމްތަކަކީ އަންހެން ފުޓްބޯޅަައިގައި ވަރަށް
ކާމިޔާބު ޓީމްތަކެއްކަމަށާ ހާއްސަކޮށް އިންޑިޔާއަކީ ވަރަށް ވަރުގަދަ ޓީމްއެއްކަމަށް ކޯޗު ބުންޏެވެ.
ގައުމީ ކޯޗް ނާކޮ ކަވަމޯޓަރ ބުނީ ސްރީލަންކާއާ ނޭޕާލް ރާއްޖެއަށް
ބަލިކުރެވިދާނެކަމަށާއި، މިޓީމްތަކަކީ ރާއްޖެއަށް ވާދަކޮށްލެވޭވަރުގެ
ޓީމްތަކެއްކަމަށެވެ.



"މިސަރައްހައްދުގެ ޓީމްތައް ވަރަށް ވަރުގަދަ. ނަމަވެސް މިހާރު ރާއްޖޭގެ ޓީމްވެސްވަނީ ވަރަށް ބޮޑަށް އިމްޕްރޫވްކޮށްފަ. އަހަރެމެންގެ ޓީމްވަނީ ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފަ. ހާއްސަކޮށް މިހާރުވަނީ ކުޅުމާއި، ސްކިލްއާ ކޯނާރ، ހިލޭޖެހުން އަދި ޓީމް އެއްކޮށް ޑިފެންސް ކުރާނެގޮތް ވަރަށް ރަނގަޅަށް ދަސްކޮށްފަ. ކުރީގެ ޓީމާ އަޅާބަލާއިރު، މިޓީމް މިހާރު ވަރަށް ބޮޑުތަން ރަނގަޅުވާނެ. އުއްމީދަކީ މިފަހަރު ރަނގަޅު ނަތީޖާއެއް ލިބުން." ކޯޗު ބުންޏެވެ.



ސައުތް އޭޝިއަން ގޭމްސްގެ
އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ޓީމް ފުރަތަމަ ނިކުންނާނީ މިމަހުގެ ފަސްވަނަ
ދުވަހު ސްރީލަންކާއާ ދެކޮޅަށެވެ. ހަތްވަނަ ދުވަހު ނޭޕާލާ ދެކޮޅަށް، ނުވަވަނަ
ދުވަހު ބަނގްލަދޭޝް ދެކޮޅަށް އަދި ރާއްޖޭގެ ޓީމްގެ ފަހު މެޗްގައި ރާއްޖެ
ނިކުންނާނީ މިމަހުގެ އެގާރަވަނަ ދުވަހު އިންޑިޔާއާ ދެކޮޅަށެވެ.