ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް 1 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ


ޔޫކްރެއިނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެހީވުމުގެ ގޮތުން އެމެރިކާއިން 1 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން ނިންމައިފިއެވެ. މިއީ، ފެބުރުއަރީ 24 ގައި ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އެމެރިކާއިން އެ ޤައުމަށް ފޯރުކޮށްދޭ އަސްކަރީ އެހީގެ އެންމެ ބޮޑު ޕެކޭޖެވެ.

އެމެރިކާއިން ފޮނުވަން ނިންމާފައިވާ އަސްކަރީ އެހީގެ ސާމާނުގެ ތެރޭގައި ދުރުރާސްތާ ހަތިޔާރާއި، ބަލިމީހުން އުފުލަން ބޭނުން ކުރާ އުޅަނދުތަކުގެ އިތުރުން މިސައިލާއި، ރޮކެޓާއި، ބޮން ފަދަ ހަތިޔާރު ހިމެނެއެވެ. އަދި، މީގެ ތެރޭގައި "ހައިމާސް" މަރުކާގެ ރޮކެޓާއި، "ނެސެމްސް" މަރުކާގެ މިސައިލް ވެސް ހިމެނެއެވެ. މި ޕެކޭޖާއެކު، އެމެރިކާއިން މިހާތަނަށް ފޮނުވާފައިވާ އަސްކަރީ އެހީގެ އަގު 8.8 ބިލިޔަން ޑޮލަރަށް އަރާނެއެވެ.

ހައިމާސް މަރުކާގެ ރޮކެޓު ސިސްޓަމް ބޭނުން ކޮށްގެން ޔޫކްރެއިން ސިފައިން ދަނީ ރަޝިޔާ ސިފައިންގެ މައްޗަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ގޮތުން، ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ފަށާފައިވާ ކެމްޕޭނުގައި ޔޫކްރެއިނު ސިފައިން ދަނީ މި ހަތިޔާރު ބޭނުން ކުރަމުންނެވެ. އަދި، އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެމެރިކާއިން ފޮނުވާފައިވާ 16 ހައިމާސް ރޮކެޓް ސިސްޓަމް ޔޫކްރެއިން ސިފައިން މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން، ހަނގުރާމައިގައި ޒަޚަމްވާ ޔޫކްރެއިން ސިފައިންނަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވާން އެމެރިކާއިން ވަނީ ނިންމާފައެވެ. މި ގޮތުން، ޔޫކްރެއިން ސިފައިންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެ މީހުން ޖަރުމަނު ވިލާތުގައި ހުންނަ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ޒަޚަމްވާ މީހުން އުފުލުމަށް ބޭނުން ކުރެވޭނެ 200 އަސްކަރީ އެމްބިޔުލާންސް ނުވަތަ އުޅަނދު، އެމެރިކާއިން ޔޫކްރެއިނަށް ފޮނުވާނެއެވެ. މިއާއެކު، ހަނގުރާމައިގައި ޒަޚަމްވާ ޔޫކްރެއިން ސިފައިންނަށް ފަރުވާ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ބެލެވެއެވެ. މި ހަނގުރާމައިގައި ދުވާލެއްގެ މައްޗަށް 100 އާއި 200 އާ ދެމެދުގެ އަދަދަކަށް ސިފައިން މަރުވަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ހަނގުރާމައިގެ މައިދާނަށް ބަލައިލާއިރު، ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓަކަށް ދިން ހަމަލާއެއްގައި އެ ތަނުގައި ބޭނުން ކުރާ "ހައި-ވޯލްޓޭޖް" ކޭބަލްތަކަކަށް ގެއްލުންވެ، އެ ތަނުން ނިއުކްލިޔަރ ރޭޑިއޭޝަން ލީކުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ނިއުކްލިޔަރ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ (އައި.އޭ.އީ.އޭ)އިން ވަނީ، އެ ސަރަޙައްދުގައި ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައެވެ.

ޔޫކްރެއިނުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ، ނިއުކްލިޔަރ ޕްލާންޓަށް ދިން ހަމަލާ ތަހުޤީޤު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފައެވެ. ރަޝިޔާއާއި ޔޫކްރެއިނުން ދަނީ، މި ހަމަލާގެ ޒިންމާ އަނެއް ފަރާތުގެ ކޮނޑުގައި އަޅުވަމުންނެވެ. ޔޫކްރެއިނުން ބުނީ އެ ތަނަށް ހަމަލާ ދީފައި ވަނީ ރަޝިޔާއިން ކަމުގައެވެ. ނަމަވެސް، ރަޝިޔާއިން އެ ކަން ދޮގު ކުރެއެވެ.

ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. ނަމަވެސް، އެ ތަން ހިންގަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ. އެއީ، ވިލާތުގެ ޤައުމުގައި މި ވަގުތު ހުރި އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓެވެ.