ޚަބަރު

ނިމުނު ހަފްތާގައި އީމެއިލް އައިޑީ ހޯދައިގެން އޮޅުވާލައިގެން ފައިސާ ހޯދި 41 މައްސަލައެއް


އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، މަކަރާއި ހީލަތުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ. އަދި ވަކިން ޚާއްސަކޮށް ފޯނުން ގުޅާ އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށް އެއިދާރާއިން ހާމަކުރެއެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް އެޑިޕާޓްމަންޓަށް ހުށައަޅާފައިވާކަން ވަނީ ހާމަކޮށްފައެވެ.

މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރާ އެއް އުކުޅު

މިގޮތަށް ފައިސާ ހޯދުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި، ހުޅުމާލެއިން ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނުކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުންކަމަށް ބުނާ ކަމަށާއި އަދި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުވާކަމަށް ބުނެއެވެ.

އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމައްޓަކައި ފޯނަށް މެސެޖެއް އަންނާނެކަމަށް ބުނާ ކަމަށާއި، ނަމަވެސް މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑު ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީއާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރެއެވެ. މި ކޯޑް ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެފަރާތަކަށް ލިބެއެވެ.

ފޯނަށް ގޫގުލްއިން އަންނަ މެސެޖު ހިއްސާކުރެވޭ ހިސާބުން ފެށިގެން އެކައުންޓުގެ ކޮންޓްރޯލް ޕްރައިމަރީ ސަސްޕެކްޓަށް ލިބެއެވެ. އަދި އީމެއިލްއަށް ވަނުމަށްފަހު ޖީމެއިލް ޕާސްވޯޑް ރިސެޓްކޮށް، އެއަށްފަހު ކްރޯމްއަށް ލޮގިންވެ ސެޓިންގްސްއަށް ވަނުމުން ސޭވްކޮށްފައިވާ ލޮގިންތަކާއި ޕާސްވޯޑްތައް ފެންނަން ހުރެއެވެ. އަދި ބޭންކާ ކޮށްފައިވާ މުއާމަލާތްތައް ފިލްޓަރކޮށް، ބެންކާއި ކޮށްފައިވާ މުޢާމަލާތްތައް ބަލައި އިންޓަރނެޓް ބޭންކިންގ އަށް ވަދެއެވެ. އަދި އިންޓަރނެޓް ބޭންކިންގ ޕާސްވޯޑް ސޭވްކޮށްފައި ނެތް ނަމަވެސް އިންޓަރނެޓް ބޭކިންގ ބޭނުންކުރާ އީމެއިލް އަކީ އެއީކަމަށް ވާނަމަ ފޮގެޓް ޕާސްވޯޑަށް ގޮސް އީމެއިލް އާއި އައިޑީ ކާޑު ނަންބަރު އެނގޭނަމަ ޕާސްވޯޑް ރިސެޓްކޮށްލުމަކީ ފަސޭހަކަމެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

އެކައުންޓަށް ވަދެ ފައިސާ ނެގުން

އިންޓަރނެޓް ބޭންކިންގއަށް ވަނުމަށްފަހު އެކައުންޓަކުގައި ހުރި ފައިސާ މެއިން ސަސްޕެކްޓް އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްކުރެއެވެ. މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްގެ ވެރިފަރާތަކީ މެއިން ސަސްޕެކްޓް ދަންނަ ރައްޓެއްސަކަށް ހެދިގެން އަދި ވަރަށް އާޖެންޓްކަމެއް ނުވަތަ އެމަރޖެންސީއެއް ދިމާވެގެން ޓްރާންސްފަރ ކުރާ ފައިސާ ކޮޅެއް ނަގައިދިނުމަށް އެދި އޮޅުވާލައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ މީހެކެވެ.

އެގޮތުން އަންހެނުން، މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވެސް އާއިލާ މީހަކު ބަލިވެގެން އުޅޭކަމަށް ބުނެ ވަރަށް އާޖެންޓްކޮށް ފައިސާކޮޅެއް ނަގަން ބޭނުންވާކަމަށް ބުނެ އެކައުންޓް ނަންބަރު ހޯދައި ފައިސާ ޓްރާންސްފަރ ކޮށް، ފައިސާ ނަގައެވެ. އަދި ފައިސާތައް ނަގުވައި ތަފާތު އެކި މީހުން އެފައިސާއާ ހަވާލުވާން ދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ސްކޭމް ކޯލުތަކުގައި ލެޖިޓް ކޯލްތަކެއް ގޮތުގައި ދެއްކުމަށްޓަކައި ކޮންފަރެންސްކޮށް އިތުރު މީހުންވެސް ބައިވެރިވެއެވެ. އަދި މިފަދަ ކޯލުތަކުގައި އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފައިސާ ހޯދައި ބޭނުންކުރާ ގޮތަށް ބަދަލުއައުން

މިހާރު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ވަނީ ބަދަލުވާން ފަށާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގި ނަމަވެސް، ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ޚިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ފޯނުފަދަ ތަކެއްޗަކީ ޓްރެކް ކުރެވޭނެ އެއްޗެއްސަށްވުމުން މިހާރު ގަޑިއާއި ރަނާއި އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނު ގަންނަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށެވެ. މިފަދަ މައްސަލަތަކަކީ އެންމެވެސް މިހާރަށްވުރެ ހޭލުންތެރިވެ، ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލައެކެވެ.

މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން

އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢުލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅި ނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ބޭންކާއި، އެޗްޑީސީ އާއި އެނޫންވެސް ތަނަކުން އެމީހެއްގެ ޒާތީ މަޢުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މަޢުލޫމާތު ހޯދަން ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށާއި، ވަކިން ހާއްސަކޮށް ފްލެޓް ލިބިފައިވާކަމަށް ބުނެ ގުޅައި އީމެއިލްއާއި އައިޑީ ކާޑު ނަންބަރު ފަދަ މަޢުލޫމާތު ހޯދާއިރު، ފްލެޓަށް ހުށަހަޅާފައިވޭތޯއާއި ފްލެޓަށް އެދޭއިރު ފޯމުގައިވެސް މިފަދަ މަޢުލޫމާތު ދީފައި ހުންނާނެކަން ދަނެ، އަލުން އެމަޢުލޫމާތު ހޯދުމަށްޓަކައި އެތަންތަނުން ނުގުޅާނެކަންވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ. ހަމައެއާއެކު ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.