ޚަބަރު

ކޯސްތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން !


ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުން ކޯހެއް ފުރިހަމަކުރުމަށްފަހު އެ ކޯހުން ފާސްވިކަމުގެ ލިޔުމާއެކު ވަކި ފެންވަރެއްގައި އެ ކޯހެއް އެކްރެޑިޓް ކުރެވޭނެކަން އަންގައިދޭ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން ހުށަހެޅުމުން، ވަޒީފާ ބަދަލުކުރުމާއި މަޤާމުގެ ކުރިއެރުން ދެއްވުމަށް ސިވިލްސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވީ މީގެތެރޭގައި ހިމެނެނީ ސިވިލްސަރވިސްގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން ވަކި ފެންވަރެއްގެ ސަނަދެއް ޙާސިލްކުރުމުން ވަޒީފާ ބަދަލުކުރެވޭ ނުވަތަ މަޤާމުގެ ކުރިއެރުން ދެވޭފަދަ ވަޒީފާގެ އޮނިގަނޑުތަކުގައި ތިބޭ މުވައްޒަފުންނާއި ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑް ކުރެވިގެން ތަމްރީނުކުރެވޭ މުވައްޒަފުންކަމަށެވެ. އަދި މިފަދަ މުވައްޒަފުން ކޯސް ފުރިހަމަކުރުމުން ވަޒީފާ ބަދަލުކުރައްވާނީ ނުވަތަ މަޤާމުގެ ކުރިއެރުން ދެއްވާނީ ސިވިލްސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރެވޭ މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވެމުގައި ގެންގުޅުއްވާ އުޞޫލާ އެއްގޮތަށްކަމަށެވެ. އެހެންކަމުން ކޮލެޖުން ނުވަތަ ޔުނިވަރސިޓީން ކޯހުން ފާސްވިކަން ބަޔާންކުރައްވައި، ދޫކުރައްވާ ލިޔުމާއެކު އެ މުވައްޒަފެއް ފުރިހަމަކުރި ކޯހުން ލިބޭ ސަނަދަކީ ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ސަނަދެއްކަމަށް ބަޔާންކުރައްވައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ ލިޔުން ހުށަހެޅުމުން ޝަރުތުހަމަވާ މަޤާމަށް ވަޒީފާ ބަދަލުކުރައްވައި، މަޤާމުގެ ކުރިއެރުން ދެވިގެންދާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.