ޚަބަރު

ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހަދަން ކައުންސިލްގެ އެއްބާރުލުން ނުލިބިފައި!


ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ވިލިމާލޭގައި ޤާއިމްކުރާ ވޭސްޓް ކަލެކްޝަން ސެންޓަރު ޤާއިމްކުރާ ބިން ހަމަޖެއްސުމުގައި މާލެ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން މަސައްކަތް ލަސްވަމުންދާކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމަށް ފުރިހަމަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކު، އޭޭޑީބީ، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިޔާ އެންޑް ދަ ޕެސިފިކް، ޖޭއެފްޕީއާރު ގުޅިގެން ހިންގާ މަޝްރޫޢެކެވެ.

ކުނި މެނޭޖްކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަކީ އެ ސަރަހައްދަކަށް ޖަމާވާ ކުނި ވަކިކޮށް. ކޮންޓެއިނަރުތަކުގައި ތިލަފުށްޓަށް ފޮނުވާ ސްޓޭޝަންތަކެެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި ވިލިމާލޭގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމް ނުކުރެވިގެން މަސައްކަތް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ވިލިމާލޭގައި ކުނި މެނޭޖްކުރުމުގެ އެމަސައްކަތް ކުރިއަށްދާ ވޭސްޓް ޔާޑުގައިކަމަށެވެ. އަދި ވޭސްޓް ޓްރާންސްފަރ ސެންޓަރުގެ ޑީޓެއިލް ޑިޒައިން ކުރަހާ ނިމިފައިވާތާ އެތައް ދުވަހެއްވެފައިވާއިރުވެސް، ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެން އެކަން ކުރިއަށްދާ ގޮތް ނުވެފައިވާކަމަށް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ސިޓީ ކައުންސިލުން ލިބެެންޖެހޭ ހުއްދަތައް ނުލިބުންކަމަށެވެ. އެގޮތުން މާލޭ ސިޓީގައި އިމާރާތެއް ކުރާނަމަ ކުރެހުން ފާސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދޭ ފަރާތަކީ ސިޓީ ކައުންސިލަށްވާއިރު، ވިލިމާލޭގައި ޤާއިމްކުރާ ޓްރާންސްފަރ ސްޓޭޝަންގެ ކުރެހުން ކައުންސިލުން ފާސްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހުއްދަ ހޯދުމަށް ހުށަހެޅުމުން ބިމުގެ ވެރި ފަރާތް އެނގޭނެ ލިޔުމެއް ހޯދަން ސިޓީ ކައުންސިލުން އަންގާފައިވާއިރު، އެ ބިމުގެ ވެރި ފަރާތަކީ ކޮން ފަރާތެއްކަން އެނގެން ނެތްކަމަށް ސިޓީ ކައުންސިލުންވެސް ބުނެފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވިލިމާލޭ ވޭސްޓް ޔާޑަކީ 2015 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައިވާ ބިމެއްކަމަށް ބެލެވުނުނަމަވެސް، ބިމުގެ ވެރި ފަރާތް ބަދަލުކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް މިކަމާއި ގުޅިގެން ބަދަލުކުރެވިފައިވާ ސިޓީތަކުން އެނގެން އޮވެއެވެ. އެއީ ކޮން ފަރާތެއްގެ ބިމެއްކަން އެނގެން ނެތްނަމަވެސް، އެއީ މިހާރުވެސް ވެމްކޯއިން ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ސަރަހައްދުކަން ފާހަގަކޮށްލެެވެއެވެ.

ބިމުގެ ވެރި ފަރާތް އެނގޭނެ ލިޔެލިޔުމެއް ނެތުމުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ މަޝްރޫޢުގެ މުއްދަތަށް އެ ބިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭންވެސް ސިޓީ ކައުންސިލުގައި އެދިފައެވެ. އަދި ވޭސްޓް ޓްރާންސްފަރ ސެންޓަރު ޤާއިމްނުކުރެވި ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ދައުލަތަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭކަމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސެންޓަރު ޤާއިމްކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުުގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށާއި، އަދި މި ކަމާއި ގުޅިގެން މަޝްވަރާކުރަންވެސް އެދިފައިވާނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކާއެކު ޤާއިމްކުރެވިގެންދާ ވޭސްޓް ޓު އެނަރޖީ ނުވަތަ ކުނިން ހަކަަތަ އުފެއްދުމުގެ މަޝްރޫޢަކީ ރާއްޖޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށްގެންދަވާ މުހިއްމު މަޝްރޫޢެކެވެ. މިމަޝްރޫޢަށް ޖުމްލަ 151.13 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.

މި މަޝްރޫޢު ނިމިގެންދާއިރު ރަށްރަށުންނާއި މާލެ ސަރަހައްދުގައި ޤާއިމްކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ތިލަފުށްޓަށް ކުނި ގެންދާނީ މޫދަށާއި ކަނޑަށް ކުނި ނޭޅޭނެހެން ކުނީގެ ބާވަތްތައް ވަކިކުރެވި ކޮންޓެނެއިނަރތަކުގައި ބަންދުކޮށްގެންނެވެ. އަދި މުޅި މަޝްރޫޢު ތަންފީޒްވެގެންދާއިރު ތިލަފުށިން މިހާރު ފެންނަން ހުރި ކުނި ފަރުބަދަ ހިމެނޭ ސަރަހައްދު ބަދަލުވެގެންދާނީ އާޢްމުންނާއި ފަތުރުވެރިންނަށްވެސް ހިތްހަމަޖައްސާލުމަށާއި ވަގުތު ހޭދަކުރެވެނޭ ފަދަ ފެހިކަން ގަދަ ސަރަހައްދަކަށެވެ. މި މަޝްރޫއާއެކު ކުނިން ހަކަތަ އުފައްދާ ޕްލާންޓު ޤާއިމްކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.