ޚަބަރު

ފަލަސްޠީނުގެ އިތުރު ނުވަ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުން ހުޅަނގު އައްސޭރީގެ ޣައްޒާއަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ނުވަ މީހުން ޝަހީދު ކޮށްލައިފިއެވެ.

ޔަހޫދީން ޣައްޒާއަށް ބޮން އަޅަން ފަށާފައި ވަނީ އޮގަސްޓު 5 ގައެވެ. ޔަހޫދީން ފަށާފައިވާ އުދުވާންތަކުގެ ދެ ވަނަ ދުވަހު ދީފައިވާ ހަމަލާތަކުގައި 79 އަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމުގައި ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޔަހޫދީން ޣައްޒާއަށް ބޮން އަޅަން ފަށާފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ އަސްކަރީ އޮޕަރޭޝަނެއްގެ ދަށުންނެވެ. އަދި، ހުޅަނގު އައްސޭރިއަށް ޔަހޫދީ ސިފައިން އަރައި ހިންގި އުދުވާންތަކެއްގައި އެ ޖަމާޢަތަށް ނިސްބަތްވާ 19 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި އިސްރާޢީލުން ބުނެއެވެ.

އޮގަސްޓު 5 ގައި ޔަހޫދީން ދިން ވަރުގަދަ ހަމަލާތަކުގައި މުސްލިމުންގެ ހަތް މީހުން ޝަހީދު ކޮށްލިއެވެ. މީގެ ތެރޭގައި ކުށެއް ނެތް ފަސް އަހަރުގެ ތުއްތުކުއްޖަކު ވެސް ހިމެނެއެވެ. މި އުދުވާންތަކާ ދެކޮޅަށް އެ ޖަމާޢަތުން ވެސް ވަނީ އިސްރާޢީލުގެ އަމާޒުތަކަށް ރައްދު ހަމަލާ ދޭން ފަށާފައެވެ. މި ގޮތުން، ޔަހޫދީންގެ އަމާޒުތަކަށް 160 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވައިލާފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ. މީގެ ތެރެއިން ބައެއް ރޮކެޓް ހަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާޢީލުގެ މައި ރަށެއް ކަމުގައިވާ ތެލް އަވީވަށެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، ބައެއް މީހުންނަށް އަނިޔާވިއެވެ.

ފަލަސްތީނުން ވަނީ ޔަހޫދީންގެ އުދުވާންތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. "ޔަހޫދީންގެ ނުރައްކާތެރި އުދުވާންތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަން،" ފަލަސްތީނުގެ ދާޚިލީ ކަންކަމާ ބެހޭ ވަޒީރު ޙުސައިން އަލްޝައިޚް ވިދާޅުވިއެވެ.
ޔަހޫދީންގެ ފައުޖުތަކުން ޣައްޒާއަށް ބޮން އަޅައި، އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ޔަހޫދީންނާ ދެކޮޅަށް އަދި ތެދުވެފައެއް ނުވެއެވެ. އަދި، އެ ޖަމާޢަތުން މި ހަނގުރާމައިގައި ބައިވެރިވެއްޖެ ނަމަ، މަސްރަޙު އިތުރަށް ހޫނުވެގެން ދާނެއެވެ.

މީގެ ފަސް ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ހައްޔަރު ކޮށްފައެވެ.

2009 ވަނަ އަހަރުގެ ފަހުން ޔަހޫދީން ވަނީ ފަސް ފަހަރެއްގެ މަތިން ޣައްޒާއަށް އަރައި ވަރުގަދަ އުދުވާންތަކެއް ހިންގާފައެވެ. ޔަހޫދީންގެ ފައުޖުތަކުން އެންމެ ފަހުން ޣައްޒާއަށް އަރައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައި ވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި، 11 ދުވަހަށް ދެމިގެންދިޔަ މި ޤަތުލުޢާންމުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލިއެވެ.