ޚަބަރު

ފްލެޓް ހަވާލުކުރި ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ


ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ތަރައްޤީކުރި ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. ސްޓެލްކޯގެ ޓަވަރުތަކަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ "ބްލޫ ރިޖް"ގެ ނަމުންނެވެ. މިއީ ހިޔާގެ ކުންފުނިތަކުގެ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ހަވާލުކުރި ކުންފުންޏެވެ.

ހިޔާ މަޝްރޫޢުގައި ސްޓެލްކޯއިންވަނީ 2 ޓަވަރު ތަރައްޤީކޮށްފައެވެ. އެއީ 1 ކޮޓަރީގެ އެޕަރޓްމަންޓްތަކާއި، 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 360 އެޕަރޓްމަންޓެވެ.

ފްލެޓް ހަވާލުކުރުމަށް ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތު އޮތީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ދެ ޓަވަރު އަޅާފައިވާ ސަރަޙައްދުގައެވެ. މިރަސްމިއްޔާތުގައި ފްލެޓްތައް ތަރައްޤީކުރި ޗައިނާގެ ކުންފުނިންވަނީ މަސައްކަތް ނިންމާ ރަމްޒީ ތަޅުދަނޑު ސްޓެލްކޯއާ ހަވާލުކޮށްފައެވެ. އަދި ސްޓެލްކޯއިންވަނީ ފްލެޓް ލިބުނު މުވައްޒަފުންނާއި މިރަސްމީ ތަޅުދަނޑި ހަވާލުކޮށްފައެވެ.

ސްޓެލްކޯގެ ފްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ވީހާވެސް ހެޔޮ އަގުގައި ފްލެޓްތައް ދޫކުރުންކަމަށެވެ.

މުޅި މަޝްރޫޢުގެ އަގު 692 މިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް ފްލެޓްގެ އަގުގެ ގޮތުގައި މުވައްޒަފުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 623 މިލިއަން ރުފިޔާއެވެ. ޝަރީފް ވިދާޅުވީ ބާކީ 69މިލިއަން ރުފިޔާ ދައްކާފައިވަނީ ކުންފުނިންކަމަށެވެ.

ސްޓެލްކޯއިން ހަމަޖައްސާފައިވަނީ ފްލެޓްތަކުގެ ކުލި ކުންފުންފުނި މެދުވެރިކޮށް ދައްކާގޮތަށެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ބޭންކުތަކުން ލޯނު ނަގައިގެން މިކަން ކުރުމަކީ، ބުރަ އަދި ބޮޑުތަނުން އަގު ބޮޑުވާނެ ކަމަކަށް ވާތީކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަނީ 18 އަހަރަށް ބަހާލައިގެންނެވެ. އޭގެ ކުރިން ދައްކަން ޖެހޭ ޑައުންޕޭމަންޓް މިހާރު ދަނީ ދައްކަމުންނެވެ.

"ބޭންކް މެދުވެރިކޮށް ދައްކާނަމަ 2 ޕްލަސް 1ގެެ އެޕަރޓްމަންޓަށް 10.6 މިލިއަން ހޭދަވާނެ. ނަމަވެސް ކުންފުނިން ދައްކަންޏާ އެއީ 3.7 މިލިއަން ރުފިޔާ. 6.9މިލިއަން މި ސޭވް ކުރެވުނީ. 1 ކޮޓަރީގެ އެޕަޓްމަންޓަށް 5.8 މިލިއަން ބޭންކް މެދުވެރިކޮށް ދައްކާނަމަ، ނަމަވެސް ކުންފުނިން ދެއްކީމަ 2.1 މިލިއަން ދައްކަން ޖެހެނީ." ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯ ހިޔާ ޕްރޮޖެކްޓްގައި ހިމެނެނީ 360 ފްލެޓެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. 1 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 5622 ރުފިޔާއެވެ. އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ ފްލެޓްތަކަށް ދައްކަންޖެހޭ މިންވަރު އުޅެނީ 10،356 ރުފިޔާއާއި 10،652 ރުފިޔާއާއި ދެމެދުގައެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަންޖެހޭނެއެވެ.

މިހާތަނަށް 306 މީހުންވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ހުރިހާ މުވައްޒަފުންނާ މިހާރުވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައެވެ. އަދި ބާކީ 52 ފްލެޓްގެ ވެރިންނާއެކު، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސޮއިކުރާނެއެވެ.

ހިޔާ މަޝްރޫޢުގައި ޖުމްލަ 4 ކުންފުންޏަކުން އަންނަނީ ޓަވަރުތައް ތަރައްޤީކުރަމުންނެވެ.