ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދާ ވަދެއްޖެ ނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް


ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނުހޯދާ ވަންނަ އުޅަނދުފަހަރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ގަވާއިދު ނެރެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު ގެޒެޓުގައި ޝާޢިއުކޮށްފައިވާ "ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ގަވާއިދު"ގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި ގުޅޭ ތަފާތު އެކި ކުށްތައް ވަކި ވަކިން ގެނެސްދީފައެވެ. އަދި މި ކުށްތަކުގައި ޖޫރިމަނާ ކުރެވޭނެ ފަރާތާއި، ޖޫރިމަނާގެ އަދަދުތައްވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް އޭގެ ކެޕޭސިޓީއަށާއި، ބާނާފައިވާ މަހުގެ އަދަދާއި، މަސްވެރިކަމަށް ބޭނުންކޮށްފައިވާ އާލާތަކަށް ބެލުމަށްފަހު، ތަފާތު އެކި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވަނީ ކަނޑައަޅާފައެވެ. އެގޮތުން 2 މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެތެރޭގައި، ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން، ހުއްޓުވުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމެޓީގެ މަސައްކަތްތަކުގެތެރޭގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތަކާއި ގުޅޭގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު އިދާރާތަކާއި ހިއްސާކުރުން ހިމެނެއެވެ.

ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމާއި ހުރަސްކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކަށް ބަލާއިރު، އެފަދަ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރަން ދުރާލައި މިނިސްޓްރީން ހުއްދަ ހޯދަންޖެހެއެވެ. އަދި މިކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުތަކުން އަމަލުކުރަންޖެހޭ ޝަރުތުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން ވެސަލް ޓްރެކިން ޑިވައިސް އަދި އޭ.އައި.އެސް ޖައްސާފައި ބެހެއްޓުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ފަހު، ބޭރުގެ މަސްވެރި އުޅަނދުގެ ދުވެލި އެއްމިނެއްގައި ހިފެހެއްޓުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އެއްވެސް ހިސާބެއްގައި މަޑުނުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ނުހިންގުން ފަދަ ޝަރުުތުތައް ހިމެނެއެވެ.

ޤަވާއިދާ ޚިލާފުވެގެން މިނިސްޓްރީގެ ފަރާތުން ބޭރުގެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރު ނުވަތަ މާސްޓަރަށް ކަނޑައަޅާފައިވާ ޖޫރިމަނާ، ޖޫރިމަނާގެ ނޯޓިސް ރައްދުކުރެވޭތާ ތިރީސް ދުވަހުގެތެރޭގައި ދައްކާފައި ނުވާނަމަ އެފައިސާ ހޯދުމަށާއި އަދި އެ އުޅަނދަކާއި އުޅަނދުގައި ހިމެނޭ ހުރިހާ މުދަލަކާއި، މަސްވެރިކަމަށް ބޭނުންކުރާ އަލާތްތައް ދައުލަތަށް ނަގައިދިނުމަށް އެދި ކަމާބެހޭ ކޯޓަށް ހުޅަހަޅަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.