ޚަބަރު

އޯޕަން އެކްސެސް ނެޓްވޯކްގެ ޚިދުމަތްތައް ހިޔާ ކުންފުނިތަކުގެ ފްލެޓްތަކަށް


ހިޔާ ޕްރޮޖެކްޓްގެދަށުން ކުންފުނިތަކުން ތަރައްޤީކުރާ ފްލެޓްތަކަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޯޕަން އެކްސެސް ނެޓްވަރކްގެ ފައިބަރ ކަނެކްޝަން އަޅައިފިއެވެ. މިއީ ސްމަރޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކާ ކުރާ މަސައްކަތުގައި، އެއް ވިއުގައެއްގެ ތެރެއިން ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައް ދިނުމަށް އަޅާ ވިއުގައެކެވެ.

މިވިއުގައިން އެކި ޚިދުމަތްތަކަށް ތަފާތު ކޭބަލް ނެޓްވޯކްތައް އެޅުމުގެ ބަދަލުގައި، އެއް ވިއުގައެއް މެދުވެރިކޮށް ކޭބަލް ޓީވީއާއި އިންޓަނެޓްގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފްލެޓްތަކަށް މީހުން ބަދަލުވާއިރު، އަވަސްކަމާއެކު މި ޚިދުމަތްތައް ފޯރުކޮށްދެވޭގޮތަށް، ނެޓްވޯކްތައް ޤާއިމުވެފައިވުމެވެ.

ހިޔާ ޕްރޮޖެކްޓްގައި ހިމެނޭ ކުންފުނިފުނިތަކުގެ ތެރެއިން އެމްއޭސީއެލް އާއި ސްޓެލްކޯގެ ފްލެޓްތަކަށްވަނީ "ފައިބަރ ޓު ދަ ހޯމް" ކަނެކްޝަން ގުޅާފައެވެ. އެމްއޭސީއެލް ހައުސިން ޕްރޮޖެކްޓްގައި ހިމެނެނީ 384 ހައުސިން ޔުނިޓެވެ. އަދި ސްޓެލްކޯ ޕްރޮޖެކްޓްގައި 360 ހައުސިން ޔުނިޓް ހިމެނެއެވެ.

އޯޕަން އެކްސެސްގެ ތެރެއިން މިފަދަ މުވާސަލާތީ ޚިދުމަތްތައްދޭ އެކި ކުންފުނިތަކުގެ ޚިދުމަތް އެއް ވިއުގައެއްގެ ތެރެއިން ލިބޭނެއެވެ. އެގޮތުން އިންޓަނެޓް، ކޭބަލް ޓީވީ އަދި މިފަދަ އެހެނިހެން ޚިދުމަތްތައް ފަސޭހަ ކަމާއެކު ގުޅޭނެއެވެ. ފައިބަރ ނެޓްވޯކަކީ ޚިދުމަތުގެ ސްޕީޑާއި ކޮލިޓީ ރަނގަޅު ޚިދުމަތެއް ލިބޭ ނެޓްވޯކެކެވެ.

އެޗްޑީސީން ފަށާފައިވާ އޯޕަން އެކްސެސް ނެޓްވޯކްގެ މަސައްކަތަކީ، މިފަދަ ވިއުގަތައް އެޅުމަށް މަގު ކޮނުމާއި، އަދި އިމާރާތުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ނުކޮށް، ފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތެކެވެ. މިމަަސައްކަތުގެ ސަބަބުން ކަނެކްޝަން އެޅުމަށް ކުރާ ޚަރަދުވެސް ކުޑަވެއެވެ.

މި ޚިދުމަތުގެ ތެރެއިން ހުޅުމާލޭގެ ހިޔާ ހައުސިން މަޝްރޫޢުގައި ހިމެނޭ 6720 ހައުސިން ޔުނިޓަށްވެސްވަނީ އޯޕަން އެކްސެސް ކަނެކްޝަނުން ގުޅާފައެވެ.

އެޗްޑީސީން މިހާރު ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކްގައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ އެކިއެކި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.