ދުނިޔެ

ޒިކާއާއި ގުޅުންހުރިކަމަށް ބެލެވޭ ބައްޔެއް ފެތުރުމުގެ އިންޒާރުދީފި


މަދިރީގެ ޒަރިއްޔޭއިން ފެތުރޭ ޒިކާ ވައިރަސްއާއި ގުޅުން ހުރި ކަމަށް ބެލެވޭ ބައްޔެއްގެ ނުރައްކާ މުޅި ދުނިޔެއަށް ކޮށްފާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާ - ޑަބްލިއު.އެޗް.އޯއިން ދީފިއެވެ.ޑަބްލިއު.އެޗް.އޯއިން ވަނީ ޒިކާ ވައިރަސް ފެތުރުނަ ނުދިނުމަށް ހުރިހާ ޤައުމުތަކެއް ގުޅިގެން އަވަސް މަސައްކަަތްތަކެއް ކުރަން ޖެހޭކަމަށް ބުނެފައެވެ. ޒިކާ ފެތުރެމުންދާ އަވަސް މިނާއިމެދު ކަމާބެހޭ މާހިރުން ކަންބޮޑުވުން ފާޅުކޮށް، މިކަމުގެ ސަބަބުން އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ އިންޒާރު ދީފައިވެއެވެ.ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކަކުން ދަނީ ޒިކާ ވައިރަސްއާއި ގުޅުން ހުރިކަމަށް ބެލެވޭ ބައްޔެއްކަަމަށްވާ މައިކްރޯސެފަލީ އަދި އެހެނިހެން ނިއުރޮލޮޖިކަލް އައިބުތައް އެ ޤައުމުތަކުގައި ވިހާފައިވާ އެތައް ހާސް ކުދިންނަކަށް ޖެހިފައިވާކަަަމަށް ރިޕޯޓްކުރަމުންނެވެ. މައިކްރޯސެފަލީގެ ސަބަބުން ތުއްތު ދަރިފުޅު ބަނޑުގައި އަށަގަންނަމުންދާއިރު ސިކުޑި ފުރިހަމަވުން ހުއްޓުވާލައެވެ. އަދި މިކަމުގެ ސަބަބުން ވިހާއިރު ކުއްޖާގެ ބޮލުގެ ސައިޒް ކުޑަވެ، ކުއްޖާ ނުކުޅެދޭ ކުއްޖަކަށްވެއެވެ. ޒިކާ ވައިރަސް އަކީ އެބޯލާ ވައިރަސްއާއި އެއްވަރު ނުރައްކާތެރި ވައިރަސްއެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިން ވަނީ ކެޓަގަރައިޒް ކޮށްފައެވެ. މި ނިންމުމުގެ ސަބަބުން އެ ބައްޔަށް ޝިފާއެއް އަދި ވެކްސިންއެއް ހޯދުމުގެ މަސައްކަތް އަވަސް ވާނޭކަމަށް އެޖަމިއްޔާއިން ދެކެއެވެ.ޒިކާ ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑަށް ކުރިމަތިވަނީ މާބަނޑު އަންހެނުންނަށް ކަމަށް ދެކި، މާބަނޑު އަންހެނުން މިކަމަށް ހާޢްސަ ސަމާލުކަމެއް ދިނުމަށް ޑަބްލިއުއެޗްއޯއިން އެދެއެވެ. އަދި ވައިރަސް ފެތުރެމުންދާ ޤައުމުތަކަށް މާބަނޑު އަންހެނުން ދަތުުރު ނުކުރުމަށްވެސް ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފައިވެއެވެ.