ކުޅިވަރު

މަހިބަދޫ އަތުން ވިކްޓަރީއަށް ފަސޭހަ މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުރި ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވިކްޓަރީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވިކްޓަރީން ވަނީ މަހިބަދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ޑިފެންޑަރު މުޙައްމަދު އައިމަން މުޙައްމަދު ބަދްރާނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނާއިމްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވިކްޓަރީން ވަނީ މަހިބަދޫގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ވިކްޓަރީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ޝާންއެވެ.

މި މެޗަށް ނުކުތްއިރުވެސް ވިކްޓަރީއަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފައެވެ. އެ ޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެލްޓީ އާއި ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި ތިންވަނަ މެޗުގައި ވާދަވެރި ނިއުރޭޑިއަންޓް އަތުން ބަލިވިއިރު، ފަސްވަނަ މެޗުގައި ޓީނޭޖް އަތުންވެސް ވަނީ ބަލިވެފައެވެ.

މި ނަތީޖާ އާއިއެކު ވިކްޓަރީއަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެޓީމުން އޮތީ ގްރޫޕް ދޭއްގެ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓަށް 12 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އެލްޓީއަށް 10 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓީނޭޖަށް ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.