ކުޅިވަރު

ވަރުގަދަ ފައިޓަކަށްފަހު ކުޑަ އައްޔައަށް ނާކާމިޔާބީ


ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލާއި ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބަލިވެއްޖެއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ އޯޕަން ބައިގެ ކުއާޓާގައި ކުޑަ އައްޔަ ބަލިވީ ދުނިޔޭގެ ޗެމްޕިއަން ޓަނާ މެކްޑެނިއެލް އަތުންނެވެ. އަދި ޑްރޮޕް-ނީ ބައިގެ ސެމީން ކުޑަ އައްޔަ ބަލިވީ ދުނިޔޭގެ ޗެމްޕިއަން ޑޭވިޑް ހަބާޑް އަތުންނެވެ.

ބުރާސްފަތި ދުވަހު މެންސް އޯޕަން ބައިގެ ކުއާޓާގައި ކުޑަ އައްޔަ ފުރަތަމަ ވާދަކުރިއިރު، އޭނާ ވާދަކޮށްފައިވަނީ ހީޓު ތިނެއްގައެވެ. މި ހީޓުން ކުޑަ އައްޔަ ބަލިވީ ހަވާއީގެ ޓަނާ އަތުން 1.10 ޕޮއިންޓުގ ތަފާތަކުންނެވެ. މި ހީޓުގައި ކުޑަ އައްޔައަށް 12.70 ގެ ސްކޯއެއް ލިބުނުއިރު، ޓަނާއަށް ވަނީ 13.80 ލިބިފައެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ޑްރޮޕް-ނީ ކެޓަގަރީގެ ސެމީގައި ދުނިޔޭގެ ޗެމްޕިއަން ހަވާއީގެ ޑޭވިޑް ވަނީ 13.25 ސްކޯކޮށްފައެވެ. މި ހީޓުގައި ކުޑަ އައްޔައަށް ލިބުނީ 6.10 ގެ ސްކޯއެކެވެ.

ވަރުގަދަ ފައިޓަކަށްފަހު ކުޑަ އައްޔަ ބަލިވި ނަމަވެސް، މި މުބާރާތުގައި އޭނާ ހޯދި ކާމިޔާބީތަކަށް ގިނަ ބައެއް ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން ކުޑަ އައްޔަ އަކީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއާ މުބާރާތުގެ އިވެންޓެއްގެ ޕޯޑިއަމާ ހަމައަށްދިޔަ ފުރަތަމަ ދިވެހި އެތުލީޓަށެވެ. އަދި ކުޑަ އައްޔަ ވެފައިވަނީ އައިބީސީގެ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަކުންވެސް ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރަށެވެ.