ޚަބަރު

ހިޔާ ސަރަޙައްދުގައި ތަރައްޤީކުރާ ޕްރީ ސްކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމެނީ


ހިޔާ ފްލެޓް ސަރަޙައްދުގައި ތަރައްޤީކުރާ ޕްރީ ސްކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާގާތްވެފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ހިޔާ ހައުސިންގ މަޝްރޫޢުއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބޮޑު އާބާދީއެއް އެއްފަހަރާ ބަދަލުވެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. 6720 ހައުސިންގ ޔުނިޓަށް ޖުމްލަ 40،000އާ ގާތްކުރާ އާބާދީއެއް ބަދަލުވާނެކަމަށް ލަފާކުރެއެވެ.

ނަމަވެސް ހިޔާ ފްލެޓަށް ބޮޑު އާބާދީއެއް ބަދަލުވީއިރުވެސް، އެތަނުގައި އަސާސީ ޚިދުމަތްތައް ހުރީ ޤާއިމުނުވެއެވެ. އެންމެ މުހިންމު އެއްކަމަކީ އެތަނުގައި ތަޢުލީމުދޭ އެއްވެސް މަރުކަޒެއް ނެތުމެވެ. ހިޔާގައި ދިރިއުޅޭ ކުދިން ތަޢުލީމް ޙާސިލްކުރުމަށް އަދިވެސް ދާންޖެހެނީ މާލެއަށް ނޫނީ ހުޅުމާލޭގައި ހުރި އެކިއެކި ސްކޫލްތަކަށެވެ. މިކަން ވެފައިވަނީ ދަރިވަރުންނަށްވެސް އަދި ބެލެނިވެރިންނަށްވެސް ބޮޑު ތަކުލީފަކަށެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓް ސަރަޙައްދުގައި 2 ޕްރީ ސްކޫލު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. އަދި އޭޕްރީލްމަހުގެ ތެރޭގައި މީގެ ތެރެއިން ފުރަތަމަ ޕްރީ ސްކޫލުގެ ބިންގާ އަޅާ، އަމަލީ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ.

ހިޔާ ސަރަހައްދުގައި ތަރައްޤީކުރާ ފުރަތަމަ ޕްރީ ސްކޫލު އަޅަނީ ހިޔާ ޓަވަރު 3 އަކާއި 4 އެއްގެ ކުރިމައްޗަށް އޮތް ހުސް ބިމުގައެވެ. މި ޕްރީ ސްކޫލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ލޮޖިސްޓިކްސް މެނޭޖަރ ޝަފްޒާދު ޞާލިޙު ވިދާޅުވީ، އެތަނުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަނުން މި ސްކޫލުގެ މަސައްކަތް ކުރަނީ 2 ފިޔަވަށްސަކަށް ބަހާލައިގެންނެވެ. މި ސްކޫލުގައި ޖުމްލަ 24 ކްލާސްރޫމް ހިމެނޭއިރު، އެއީ ގާތްގަނޑަކަށް އެއްފަހަރާ 400 އެއްހާ ކުދިންނަށް ކިޔަވައިދެވޭނެ ޖާގައެވެ. ޝަފްޒާދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ސްކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިމަހުގެ 15ގެ ނިޔަލަށް ނިންމާ އެތަން ޙަވާލުކުރުން ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް މިތަނުގެ 90 އިންސައްތަ މަސައްކަތް މިވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މިމަހުގެ 15 އަށް މިތަން ހަވާލުކޮށްދޭން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތް މިކުރަނީ. މިހާރު އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތަކީ މި ޕްރީސްކޫލުގެ މަސައްކަތް. އަޅުގަނޑުމެން މި ސްކޫލުގައި ޖުމްލަ 24 ކްލާސް ރޫމް ހުންނާނެ. ނަމަވެސް ފުރަތަމަ ފިޔަވަހީގައި ހުޅުވިގެން މިދަނީ 12 ކްލާސްރޫމު" ޝަފްޒާދު ވިދާޅުވިއެވެ.

މި ޕްރީ ސްކޫލު ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ސްކޫލަށް ވަދެނިކުމެވޭނެހެންނެވެ. އެސް.ޖޭ ކޮންސްޓްރަކްޝަނުން ބުނިގޮތުގައި ސްކޫލުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރަނީ އަންނަ ސެޕްޓެމްބަރުމަހުގެ ނިިޔަލަށެވެ.