ޚަބަރު

ރައީސް، މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މިޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށްވުމާއި، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތުމުން، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމެވެ. އަދި ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއަރ ކޮންޓެއިނަރ ހޭންޑްލިންގ ބަނދަރެކެވެ. އިންޑިއާގެ މައިބަނދަރުތަކަށް ބަލާއިރު، އެބަނދަރުތަކަށް ބާލާ ކޮންޓެއިނަރ ކާގޯގެ %50 ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނަރ ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މިބަނދަރުން، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލައެވެ.

މުމްބާއީގެ ރައިގަޅް ޑިސްޓްރިކްޓްގައި އޮންނަ މި ބަނދަރަކީ މަސައްކަތް ހުއްޓިފައި ހިނދުކޮޅަކަށްވެސް ނޯންނަ ބާރުބޮޑު ކާގޯ ބަނދަރެއްގެ ގޮތުގައި މަޝްހޫރު ކާގޯ ބަނދަރެކެވެ. މި ކާގޯ ބަނދަރު ހުޅުވާފައިވަނީ 26 މޭ 1989 ގައެވެ. މި ބަނދަރުގައި މުދާ އުފުލާ ބޭލުމަށް ޒަމާނީ ފަހުގެ ވަސީލަތްތައް ބޭނުންކުރެއެވެ.

އިންޑިޔާގެ ޝިޕިންގ މިނިސްޓްރީގެ ސާގަރް މާލާ މަޝްރޫޢުގެ ތެރެއިން ދުނިޔޭގެ އެންމެ ވަރުގަދަ ޝިޕިން އިންޑަސްޓްރީއަކަށް އިންޑިޔާ ހެދުމަށްޓަކާ މި ކާގޯ ބަނދަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަނދަރެއް. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އިންޑިޔާއަކީ އެކްސްޕޯޓުގެ ބާރަކަށް ހެދުމަށް މި ބަނދަރަކީ މުހިންމު ބަނދަރެކެވެ. ޖަވާހިރުލާލް ނެހުރޫ ޕޯޓަކީ އިންޑިޔާގެ އެންމެ ފުރަތަމަ މެކެނައިޒްޑް ޕޯޓުވެސްމެއެވެ. ޖަވާހިރުލާލް ނެހުރޫ ޕޯޓަކީ އިންޑިޔާގެ ކާގޯ ޓްރެފިކްގެ %55 ކޮންޓްރޯލު ކުރާ ކާގޯ ބަނދަރެކެވެ.

މިއަހަރު ނިމުމުގެ ކުރިން މުދާ އުފުލާ ބާލާ ބަނދަރު ތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު 10 ބަނދަރުގެ ތެރޭގައި މި ކާގޯ ބަނދަރު ހިމެނުމަކީ ޖަވާހިރުލާލް ނެހުރޫ ޕޯޓުން އަމާޒުހިފާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.