ޚަބަރު

ނ.ހޮޅުދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިއްޖެ


ނ. ހޮޅުދޫގައި ސަރުކާރުން ޤާއިމުކުރައްވަމުން ގެންދަވާ ނަރުދަމާ ނިޒާމްގެ މަސައްކަތާއި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަސައްކަތް ނިމިއްޖެއެވެ. ހޮޅުދޫ ކައުންސިލުން ވިދާޅުވީ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި އަދި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާ، މި ދެމަޝްރޫއުގެ ނިމުން ރަސްމީގޮތުން ފާހަގަކުރުމުގެ ހަފްލާ ކައިރި މުސްތަޤްބަލެއްގައި ބޭއްވެވުމަށް ހަމަޖެހިފައިވާކަމަށެވެ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ފެއްޓެވި މަޝްރޫއެކެވެ.  މިމަޝްރޫޢު ފެށުމުގެ ކުރިން ހޮޅުދޫގެ އިރުމަތީ ފަރާތުގެ ގެތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން ދިޔައީ ކޮންމެ އިރުވައި މޫސުމެއްގައި، ހަޅަޖަހާ ދުވަސްވަރު ރަށަށް އުދައެރުމާ ރަށްގިރަމުން ދިއުމުގެ ސަބަބުން އެތައް ތަކްލީފްތަކެއް އުފުލަމުންނެވެ. އުދައަރާ، މީހުންގެ ގެދޮރަށް ގެއްލުންލިބުމުގެ އިތުރުން، ގިރަމުންދިއުމުގެ ސަބަބުން ރަށުގެ އިރުމަތީފަރާތުން ބައެއް ގެތަށްހުރީ ރާޅު ޖަހާ ހިސާބުގައެވެ. މިދިޔަ އަހަރު ކުރީކޮޅު ފެއްޓެވި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގައި ރަށުގެ އިރުމަތީ ފަރާތުން ފަސްސަތޭކަ މީޓަރަށްވުރެ ދިގުމިނުގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމެންޓެއް ޖަހާފައިވާއިރު ރަށުގެ ހުޅަނގުފަރާތާއި ދެކުނުފަރާތުން ސަތޭކަފަންސާސް މީޓަރު ދިގުމިނުގައި ވަނީ ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމެންޓް ޖަހާފައެވެ. ހޮޅުދޫގައި ނަރުދަމާނިޒާމް ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރައްވައިގެން އެމަސައްކަތްވެސް ފެށިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޕްރޮޖެކްޓްގެ ތެރޭން ހޮޅުދޫގެ ތިންސަތޭކަ ސާޅީހަކަށް ގެއަށް ޚިދުމަތްދެއްވުމަށް ހަމަޖެހިފައިވާއިރު، މިޚިދުމަތް ދިނުމަށް ބޭނުންވާ މުއައްޒަފުން ހޯދުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ރަށު ކައުންސިލުން މައުލޫމާތުދެއްވައެވެ.