ޚަބަރު

ތެލުގެ ސަބްސިޑީއަށް ގެންނަ ބަދަލުތައް އަންނަ މަހު އިއުލާންކުރަނީ

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީއަށް ގެންނަ ބަދަލުތައް އަންނަ ސެޕްޓެމްބަރު މަހު ހާމަކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ މިއަހަރުގެ މިނިވަންދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުފައެވެ.

ސަރުކާރުން ތެލުގެ ސަބުސިޑީއަށް ގެންނަ ބަދަލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެންދާއިރުވެސް ރާއްޖޭގައި ތެލުން ޑިސްކައުންޓް ދެވޭކަމަށެވެ. އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާއާއި އެއްވަރަކަށް ދައުލަތުން ސަބްސިޑީ ދޭކަން ފާހަގަކުރައްވާ، ރާއްޖޭގައި ސަބްސިޑީ ދެވެނީ އެންމެ އިސްސާފުވެރިކޮށްތޯ މިނިސްޓަރ ސުވާލު އުފެއްދެވިއެވެ. މިނިސްޓަރ ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ރަނގަޅު ހާލަތުގައިވެސް އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާއަށް އެއްހަމައަކުން ސަބްސިޑީ ދިނުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސަބްސިޑީ ދެމުން އަންނަ ސިޔަސަތަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަސެވެ. އަދި ސަރުކާރުން އެ ސިޔާސަތަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް މިމަސް މިނިސް ސެޕްޓެމްބަރާ ހަމައަށްދާއިރު ރައްޔިތުންނަށް ވަރަށް ތަފްސީލްކޮށް ހާމަކުރައްވާނެކަަމަށެވެ.


"މިހާރުވެސް ތެލުގެ އަގު 140 ޑޮލަރުގައި ހުރިއިރުވެސް އަޅުގަނޑުމެންނަށް އެބަދެވޭ ފިއުލް ޑިސްކައުންޓެއްވެސް އިނގޭތޯ. އެހެންވީމަ ދުނިޔޭގެ އެހެނިހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި އަޅުގަނޑުމެން ރައްޔިތުން ކޮންމެވެސްވަރަކަށް "ޝީލްޑް" ކުރެވޭ ސަބްސިޑީ މެކޭނިޒަމް. އެކަމު އޭގަ އަޅުގަނޑުމެން ސުވާލުކުރަން މިޖެހެނީ އެންމެ އިންސާފުވެރިގޮތަކަށްތޯ އަޅުގަނޑުމެން ސަބްސިޑީ މިދެނީ. ހަމަ އެންމެ މުއްސަނދި މީހެކޭ އެންމެ ފަގީރު މީހެކޭ އެއްވަރަށް ސަރުކާރުން، ދައުލަތުން ސަބްސިޑީ މިދެނީ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެންނަށް އިޤްތިޞާދީ "ކްރައިސިސްއެއް" ނޫންވިޔަސް ޢަންމު ހާލަތުގައިވެސް އިޤްތިޞާދު ކުރިއަރަމުންދާ ހާލަތުގައިވެސް އެންމެ ރަނގަޅު ބުއްދިވެރިގޮތަކަށް ނުވެދާނޭ އެންމެންނަށް ހަމަހަމަކޮށް އެންމެ މުއްސަނދި މީހާވެސް އެންމެ ފަގީރު މީހާވެސް އެއް ހަމައަކުން ސަބްސިޑީ ދިނުމަކީ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ހާމަލްތަކުގައި ސަބްސިޑީ ބޭނުން ނުވާމީހުންނަށްވެސް ދައުލަތުން ސަބްސިޑީ ދޭކަމަށެވެ. އެހެންކަމުން އެންމެ އިސންސާފުވެރިގޮތަށް ދައުލަތުގެ ފައިސާ މެނޭޖުކުރަންޖެހޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ޚާއްޞަކޮށް އަޅުގަނޑަށް އެބަ ފާހަގަވޭ އެއްބައިފަހަރު އެ ސަބްސިޑީ ބޭނުން ނުވާމީހުންނަސްވެސް ގަދަކަމުން އަޅުގަނޑުމެންނަށް [ދައުލަތުން] ސަބްސިޑީ ދެވޭ ހާލަތުވެސް އެބަދޭ. އެހެންވީމަ އިންސާފުވެރިގޮތަކަށް ދައުލަތުގެ ފައިނޭންސްވެސް މެނޭޖުކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ރައްޔިތުންންވެސް ބޭނުންވާނެ ގޮތެއް." އަމީރު ވިދާޅުވިއެވެ.

ދައުލަތުން ދެމުން އަންނަ ސަބްސިޑީގެ ސިޔާސަތަށް ބަދަލު ގެންނަވާނެކަން އިއުލާންކުރައްވާ ރައީސް ވިދާޅުވެފައިވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެކަމަށާއި ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށެވެ. އަދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށާއި އެއީ އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނާޒުކު ދަނޑިވަޅު ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމުކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާއި، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި ސަރުކާރުން ދަނީ އެ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލުގެ ސަބްސިޑީއަށް، ބަޖެޓްގައި އަންދާޒާކުރި އަދަދު އެތައް ގުނައަކުން މަތިވެއްޖެކަމަށެވެ. އެގޮތުން ތެލުގެ ސަބްސިޑީގެ ގޮތުގައި 341 މިލިއަން ބަޖެޓްކޮށްފައިވާއިރު، މިހާރު އެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ނިޔަލަށް މިޙާލަތުގައި ދާނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށް ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުޞޫލު އިޞްލާޙް ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ. ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ޙާލަތަކަށް، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ޙާލަތާ ގުޅޭގޮތަށް އިޤްތިޞާދީ ސިޔާސަތަށް ބަދަލު ގެންނަންޖެހޭ ވަގުތު" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމުކަމަށެވެ. އަދި އެ ބަދަލު ތަފްޞީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ފިޔަވަޅުތަކަކީ ދުޅަހެޔޮ އިޤްތިޞާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާޞިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއްކަމަށެވެ.