ދުނިޔޭގެ ވިޔަފާރި

ފެރާރީގެ އާމްދަނީ އިތުރުވެއްޖެ

ޕޯޓޯފިނޯ އެމް އަދި އެފް8 ފެމިލީ މޮޑެލްތަކުގެ ވިޔަފާރި ރަނގަޅުވެ، އިޓަލީގެ ލަކްޒަރީ ސްޕޯޓްސް ކާރު އުފައްދާ ކުންފުނި ފެރާރީގެ އާމްދަނީ ލަފާކުރިވަރަށްވުރެ ދެވަނަ ކުއާޓަރުގައި އިތުރުވެއްޖެއެވެ.

ފެރާރީން ބުނީ މިހާރު ލަފާކުރާ ގޮތުގައި އިންޓަރެސްޓް، ޓެކްސް، ޑިޕްރިޝިއޭޝަން އެންޑް އެމޯޓައިޒޭޝަން (އީބީއައިޓީޑީއޭ) އާއި ނުލައި 1.70 ބިލިއަން ޔޫރޯ އާއި 1.73 ބިލިއަން ޔޫރޯއާ ދެމެދުގެ އެޑްޖަސްޓް އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެކަމަށެވެ. މީގެކުރިން ލަފާކޮށްފައިވާ ގޮތުގައި މިއަދަދު އަރާނީ 1.65 އާއި 1.70 ބިލިއަން ޔޫރޯއަށެވެ.

ދެވަނަ ކުއާޓަރުގައި އެޑްޖަސްޓް ކުރެވުނު އީބީއައިޓީޑީއޭ %15 އިތުރުވެ 446 މިލިއަން ޔޫރޯއަށް އަރާފައިވާއިރު، މިއީ ރޮއިޓާސްގެ ޕޯލްއިން ލަފާކުރި 427 މިލިއަން ޔޫރޯއަށް ވުރެ މަތީ އަދަދެކެވެ.

205000 އެމެރިކާ ޑޮލަރުން އަގުތައް ފަށާ ފެރާރީ މަޝްހޫރުވެފައި ވަނީ ސުޕަރ ކާރުތަކަށް ކަރަންޓު ދޭ ރޯއިން އިންޖީނުތައް ބޭނުންކުރާ ކުންފުންޏެއްގެ ގޮތަށެވެ. 2030 ވަނަ އަހަރު އަންނަން ވާއިރަށް ކުންފުނީގެ މޮޑެލްތަކުގެ 80 އިންސައްތަ ކާރަކީ އިލެކްޓްރިކް އަދި ހައިބްރިޑް ކާރުތަކަށް ހެދުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

ފެރާޜީގެ އޭޕްރީލް-ޖޫން ކުއާޓަރުގެ ޝިޕްމަންޓުތައް ވަނީ %29 އަށް އިތުރުވެފައެވެ. މީގެތެރެއިން ޗައިނާގެ ޑެލިވަރީތައް ވަނީ ދެގުނައަށް އިތުރުވެ 358 ޔުނިޓަށް ވަނީ އަރާފައެވެ.

ގިނަ މޮޑެލްތައް މިހާރު ވިކިފައި ހުރި ނަމަވެސް މޮޑެލްތަކުގެ ޑިމާންޑު އިތުރުވެފައިވާކަމަށް ފެރާރީން ބުނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފުރަތަމަ ސްޕޯޓް ޔުޓިލިޓީ ވެހިކަލް (އެސްޔޫވީ) އަންނަ ސެޕްޓެމްބަރުމަހު ދައްކާލަން ނިންމާފައިވާކަމަށް ފެރާރީން ބުނެއެވެ. އިޓަލީ ބަހުން މިއަށް ކިޔަނީ "ތޯރޯބްރެޑް" އެވެ.