ޚަބަރު

100 މިލިއަން ޑޮލަރުގެ އެހީއާއެކު ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރެވޭނެ: ރައީސް


އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމެވި 100 މިލިއަން ޑޮލަރުގެ އެހީގައި ގަމުގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤިކުރުމުގެ މަޝްރޫގެ މަސައްކަތް އަވަހަށް ނިންމޭނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.


ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފައެވެ. މި އެހީ ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން 2018ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާ ސަރުކާރުން ވަނީ އެ ކްރެޑިޓް ފެސިލިޓީއަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދިނުމަށް ނިންމާ އެކަމުގެ އެއްބަސްވުން ޤާއިމްކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައިވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 100 މިލިއަން ޑޮލަރު ދޫކުރަން ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ހައްދުންމަތީ ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އެހީގެ ސަބަބުން އަވަސްކުރެވޭނެކަމަށް ވިދާޅުވިއެވެ.

ލ.ގަމުގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްޤީކުރާ މިހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓްގެ މަސައްކަތާއި ހޮސްޕިޓަލާއި ގުޅޭގޮތުން ހަދަންޖެހޭ ސަރވޭތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގްޒިމް ބޭންކުން ބުނެއެވެ. މިހާތަނަށް މިމަޝްރޫޢުގެ ދަށުން ގަމުގައި ކެންސަރ ހޮސްޕިޓަލް އަޅާ ސަރަޙައްދު ކަނޑައަޅާ އެސަރަޙައްދުގެ ސޮއިލް ޓެސްޓުކޮށްވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގެ ވަށައިގެންވާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ގަމު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެ އިތުރުން ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.