ޚަބަރު

އެމިރޭޓްސް އިން ނައިޖީރިއާއަށް ކުރާ ދަތުރުތައް މަދުކުރަން ނިންމައިފި

ދުބާއީގެ އެމިރޭޓްސް އެއާރލައިނުން ނައިޖީރިއާއަށް ކުރާ ދަތުރުތައް މަދުކުރަން ނިންމައިފިއެވެ.

އެމިރޭޓްސް އިން މިގޮތަށް ނިންމީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ ނައިޖީރިއާއިން ލިބޭ އާމްދަނީ އަނބުރާ ޤައުމަށް ގެންދިއުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ކަމަށް ދުބާއީ ސަރުކާރުން ބުނެއެވެ.

އެމިރޭޓްސް އިން މިހާރު ރާވާފައިވާ ގޮތުން މި މަހުގެ މެދުތެރޭގައި ނައިޖީރީއާގެ އެންމެ ބޮޑު ސިޓީ، ލަގޯސްއަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު 11 އިން 7 އަކަށް ކުޑަކުރާނެއެވެ. މީގެއިތުރުން ޖުލައި މަހުގެ ނިޔަލަށް އެ ޤައުމުގައި 85 މިލިއަން އެމެރިކާ ޑޮލަރު ތާށިވެފައިވާ ކަމަށާއި އެ އަދަދު މަހަކު 10 މިލިއަން އެމެރިކާ ޑޮލަރަ އިތުރުވަމުން އަންނަ ކަމަށްވެސް ދުބާއީ ސަރުކާރުން ބުނެއެވެ.

އެއާރލައިން އިންޑަސްޓްރީ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މަރުކަޒީ ބޭންކުން އެއާރލައިންތަކުގެ މައްސަލަތަކަށް ހައްލެއް ނުދީފި ނަމަ އިތުރު އެއާރލައިންތަކަށްވެސް އެގޮތަށް އަމަލު ކުރެވިދާނެ އެވެ. ނައިޖީރިއާގައި ފައިސާ ތާށިވުމުގެ ސަބަބުން އެމިރޭޓްސްއަށް ލިބޭ ގެއްލުން ކުޑަކުރުމުގެގޮތުން މި ފިޔަވަޅު އެޅުން ނޫން އެހެން ގޮތެއް ނެތްކަމަށް ދުބާއީ ސަރުކާރުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ނައިޖީރިއާގެ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

އެމިރޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ފައިސާ އަނބުރާ ޤައުމަށް ގެންދިއުމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނައިޖީރިއާގައި އެ ކުންފުނީގެ ވިޔަފާރިއަށް އަސަރު ކުރަމުންދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތަށް ލިބުނު ކާމިޔާބު ކުޑަ ކަމަށެވެ.

ނައިޖީރިއާގެ ފައިސާ، ނައިރާގެ އަގު މިދިޔަ ހަފްތާގައި ރެކޯޑް މިންވަރަކަށް ވަނީ ދަށަށް ވެއްޓިފައެވެ. ނައިރާގެ އަގާއި މެދު ކަންބޮޑުވާކަމަށް ނައިޖީރިއާގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. ބޭރު ފައިސާގެ ގާތްގަނޑަކަށް %90 ތެލުން ލިބޭ ނައިޖީރިއާގައި ތެޔޮ ފޯރުކޮށްދޭ ހޮޅި ވަގަށް ނެގުމާއި އަހަރުތަކެއް ވަންދެން އިންވެސްޓްމަންޓް މަދުވުމުގެ ސަބަބުން އުފެއްދުންތައް އުފެއްދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ނައިޖީރިއާގައި 2016 ވަނަ އަހަރު ވެސް ވަނީ ބޭރު ފައިސާއަށް ހުރަސް އަޅާފައެވެ. މިއާއެކު ބައެއް އެއާރލައިންތަކުން ވަނީ އެ ޤައުމަށް ކުރާ ދަތުރުތައް މަދުކޮށްފައެވެ. ކެރިއަރ ކުންފުނި އައިބީރިއާ އާއި ޔުނައިޓެޑް އެއާރލައިންސް އިން ވަނީ ނައިޖީރިއާއަށް ދަތުރުކުރުން އެއްކޮށް ހުއްޓާވެސްލާފައެވެ.

އިންޓަނޭޝަނަލް އެއާރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނިގޮތުގައި ނައިޖީރިއާއިން އަންނަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ކެރިއަރުންނަށް ލިބުނު އާމްދަނީގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހިފަހައްޓަމުންނެވެ.