ދުނިޔޭގެ ވިޔަފާރި

ޔޫރޯއާއި ޑޮލަރުން ޓެކްސް ދެއްކޭގޮތް ހަދަން ހަންގޭރީން ނިންމައިފި


ޔޫރޯއިން ނުވަތަ ޑޮލަރުންވެސް ޓެކްސް ދެއްކޭގޮތަށް ހުއްދަ ދޭން ހަންގޭރީން ނިންމައިފިއެވެ.

ހަންގޭރީގެ ކުންފުނިތަކަށް ޔޫރޯ ނުވަތަ ޑޮލަރުން ޓެކްސް ދެއްކުމުގެ ހުއްދަ ދޭން ނިންމުމުން އެ ޤައުމުގެ ރިޒާވް އިތުރުވެގެންދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޕޮލެންޑް، ޗެކް ރިޕަބްލިކް އަދި ރޮމޭނިއާ ފަދަ މެދުތެރޭ ޔޫރަޕްގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ހަންގޭރީއަކީވެސް ޔޫރޯ ޤަބޫލުކުރާ ޤައުމެއް ނޫނެވެ.

ހަންގޭރީން މިގޮތަށް ނިންމިއިރު މީގެކުރިން ޗެކް ރިޕަބްލިކްއިންވެސް ވަނީ 2024 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ކުންފުނިތަކަށް ޔޫރޯއިން ޓެކްސް ދެއްކޭނެކަމަށް އިއުލާންކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމާއިއެކު ހަކަތަ އިމްޕޯޓުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ހަންގޭރީގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ވިޔަފާރިވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫރޯ ނުވަތަ ޑޮލަރުން ޓެކްސް ދެއްކުމާއި ގުޅިގެން ހަންގޭރީގެ މާލީ ވަޒީރު ވިދާޅުވީ މިއީ ހުރިހާ ކުންފުނިތަކަކަށްވެސް ބޭނުންކުރެވޭނެ ގޮތެއް ކަމަށެވެ. މީގެ ސަބަބުން ދައުލަތަށް ޓެކްސް ލިބުމުގެ އިތުރުން ހަމަހަމަ ގޮތެއްގައި ބަޖެޓް ބެލެހެއްޓޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެދުތެރޭ ޔޫރަޕްގެ މިއަހަރުގެ މިހާތަނަށް އެންމެ އަގުދަށް ފައިސާ ކަމަށްވާ ހަންގޭރީގެ ފޮރިންޓުގެ އަގު މި މަހުގެ ކުރީކޮޅު ވަނީ ރެކޯޑު އަދަދަކަށް ވެއްޓިފައެވެ. އެއީ އެއް ޔޫރޯއަށް 416.90 ފޮރިންޓެވެ.

އެކްސްޕޯޓް ކުރާ ކުޑަ އިޤްޠިޞާދެއް އޮންނަ ހަންގޭރީއަކީ އޯޑީއާއި ޑައިމްލާ ފަދަ ޖަރުމަނުގެ ބޮޑެތި ކާރު އުފައްދާ ކުންފުނިތަކުގެ އުފެއްދުންތެރި ޕްލާންޓްތައް ހުންނަ ޤައުމެކެވެ.