ވިޔަފާރި

ސިޔާސަތުގެ ނަތީޖާ ފެންނަން ފަށައިފި؛ ޕްލާސްޓިކް ކޮތަޅު 2 ގުނަ މަދުވެއްޖެ


މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ އަދަދު ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ މިންވަރު ވަނީ 2 ގުނަ ދަށްވެފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން ރައީސުލްޖުމްހޫރިއްޔާ މަނާކުރައްވައި، އެކަމާއި ގުޅޭ ޤަރާރު ނެރުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 8 ބައްވަތެއް ޖޫން މަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައެވެ. އޭގެތެރޭގައި 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ކޮތަޅު އެތެރެކުރަން ހޭދަކުރި ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ.

މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭގޮތަށް 2021 ވަނަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 68،229،753 (ފަސްދޮޅަސް އަށް މިލިއަން ދުއިސައްތަ ނަވާވީސްހާސް ހަތްސަތޭކަ ފަންސާސް ތިނެއް) ޕްލާސްޓިކް ކޮތަޅު ވަނީ އެތެރެކޮށްފައެވެ. މިއީ މުޅި ޖުމްލަ 22،251،221.95 (ބާވީސް މިލިއަން ދެލައްކަ ފަންސާސް އެއްހާސް ދުއިސައްތަ އެކާވީސް ރުފިޔާ ނުވަދިހަ ފަސްލާރި) މިލިއަން ރުފިޔާގެ ޕްލާސްޓިކް ކޮތަޅެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް އެކި ބާވަތްތަކުގެ ޕްލާސްޓިކް ކޮތަޅުގެ 34،800،700 (ތިރީސް ހަތަރު މިލިއަށް އަށްލައްކަ ހަތްސަތޭކަ) ކޮތަޅު ވަނީ އެތެރެކޮށްފައެވެ. މިއީ މުޅި ޖުމްލަ 11،337،963.59 (އެގާރަ މިލިއަން ތިންލައްކަ ތިރީސް ހަތް ހާސް ނުވަސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަންސާސް ނުވަލާރި) ރުފިޔާއެވެ.

ފުރަތަމަ 6 މަސްދުވަހު ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރި މިންވަރު:

2021

60،231،590 ޕްލާސްޓިކް ކޮތަޅު (ފަސްދޮޅަސް މިލިއަން ދެލައްކަ ތިރީސްއެއްހާސް ފައްސަތޭކަ ނުވަދިހަ)
16،767،864.70 ރުފިޔާ (ސޯޅަ މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ހަތްދިހަ ލާރި)

2022

29،926،401 ޕްލާސްޓިކް ކޮތަޅު (ނަވާވީސް މިލިއަން ނުވަލައްކަ ސައްބީސްހާސް ހަތަރުސަތޭކަ އެކެއް)
7،219،194.20 (ހަތް މިލިއަން ދެލައްކަ ނަވާރަހާސް ސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ވިހިލާރި)

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކާނާގެ އެކިއެކި ބާވަތްތައް ބަންދުކުރަން ގެނެސްފައިވާ ޕްލާސްޓިކް ކޮތަޅުގެ އަދަދުވެސް ވަނީ 2021 ވަނަ އަހަރާއި އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން ބަލާއިރު:

2021

7،836،292 ޕްލާސްޓިކް ކޮތަޅު (ހަތްމިލިއަން އަށްލައްކަ ތިރީސް ހަހާސް ދުއިސައްތަ ނުވަދިހަ ދޭއް)
4،605،831.94 ރުފިޔާ (ހަތަރު މިލިއަން ހަލައްކަ ފަސްހާސް އަށްސަތޭކަ ތިރީސްއެއް ރުފިޔާ ނުވަދިހަ ހަތަރު ލާރި)

2022

4،869،953 ޕްލާސްޓިކް ކޮތަޅު (ހަތަރު މިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަންސާސް ތިނެއް)
4،067،322.23 ރުފިޔާ (ހަތަރު މިލިއަން ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ ބާވީސް ރުފިޔާ ތޭވީސް ލާރި)

ސިއްހީ ބޭނުމަށް ރާއްޖެ ގެނައި ޕްލާސްޓިކް ކޮތަޅުގެ މިންވަރުވެސް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ވަނީ 2 ގުނައަށްވުރެވެސް ބޮޑަށް ދަށްވެފައެވެ. އޭގެ ތަފާސް ހިސާބަށް ބަލާއިރު:

2021

161،871 ކޮތަޅު (އެއްލައްކަ ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ހަތްދިހަ އެކެއް)
877،525.31 ރުފިޔާ (އަށްލައްކަ ހަތްދިހަ ހަތްހާސް ފައްސަތޭކަ ފަންސަވީސް ރުފިޔާ ތިރީސްއެއް ލާރި)

2022

4،346 ކޮތަޅު (ހަތަރުހާސް ތިންސަތޭކަ ސާޅީސް ހައެއް)
51،447.16 ރުފިޔާ (ފަންސާސް އެއްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)

ސަރުކާރުން ގެންދަވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިދިޔަ މޭމަހު ވަނީ ހުށަހަޅާފައެވެ. ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ޤާނޫންނަށް އަމަލުކުރަން ފަށާ ތާރީޙުން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ 2 ވަނަ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާއިރު ފުރަތަމަ ލިސްޓު މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.