ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުލަބު ޓީނޭޖް އަތުން ބަލިވެ، ވިކްޓަރީ ސްޕޯޓްސް ކުލަބަށް ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.
އާދީއްތަ ދުވަހުގެ ހަވީރު އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު ގްރޫޕް ދޭއްގެ މެޗުން ވިކްޓަރީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުން ވިކްޓަރީ ބަލިވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި، ޓީނޭޖުގެ ގަތަރު ކުޅުންތެރިޔާ އަލީ އަޙްމަދު އަލީ އަފީފް އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.
މި މެޗުން ބަލިވެ ވިކްޓަރީއަށް އަމިއްލަ ބާރު ގެއްލުނުއިރު، އެ ޓީމުގެ ހިމެނޭ ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތީ ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެ ޓީމަށް ހަތަރު މެޗުން 12 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް އެލްޓީ ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީގެ މައްޗަށް ކުރިހޯދައި ޓީނޭޖުން ވަނީ ގްރޫޕްގެ ތިންވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ހަތަރުވަނައިގައި އޮތް ވިކްޓަރީއަށް ހަތަރު މެޗުން ލިބިފައިވަނި ހަތަރު ޕޮއިންޓެވެ. އެހެންވެ،ވިކްޓަރީއަށް ކުރިއަށް ދިޔުމަށް އޮތް ހަމައެކަނި ގޮތަކީ ކުރިއަށް ހުރި މެޗުތަކުން އެލްޓީ އާއި ޓީނޭޖް ބަލިވުމެވެ.
ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.