އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން މޮޅަކާއެކު ލީގު ނިންމާލައިފިއެވެ.
އާދީއްތަ ދުވަހު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި ފަހަރުގެ ލީގުގައި ދަ ގްރާންޑޭއަށް ލިބުނު ހަމައެކަނި މޮޅެވެ.
މި މެޗަށް ސަސް ނުކުތީ އެ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ގެ ބަދަލުގައި އަޙްމަދު ފަރުހާން ކީޕަރަކަށް އަރުވައިގެންނެވެ. މެޗުގެ ފަށައިގެން ލަނޑެއް ޖަހަން ސަސްގެ އިބްރާހީމް އަތީގް ހަސަން (އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
އެއާއެކު މެޗުގެ 17 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މި ލަނޑަށްފަހުވެސް ދަ ގްރާންޑޭއިން ވަނީ ސަސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސް ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ހޫގޯ ވަނީ ދަ ގްރާންޑޭގެ ތިންވަނަ ލަނޑު ޖަހާދީފައެވެ.
ނަމަވެސް އޭގެ މިނެޓެއް ފަހުން ސަސްއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިއްބެއެވެ. މިއީ އޭރިއާ ތެރެއިން ސަސްގެ ކުޅުންތެރިއަކަށް ދަ ގްރާންޑޭގެ ލުބުނާނުގެ ގޯލްކީޕަރު މުޙައްމަދު ތަހާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭގެ ހޫގޯ ވަނީ އިތުރު ލަނޑެއް ޖަހައި, މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ދަ ގްރާންޑޭއިން ވަނީ ސަސްގެ ހާފަށް ބާރުބޮޑުކޮށްފައެވެ، އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ހޫގޯ ވަނީ ދަ ގްރާންޑޭގެ ފަސްވަނަ ލަނޑު ޖަހާދީފައެވެ. އަދި މި މެޗުގައި ދަ ގްރާންޑޭން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝަމާލެވެ.
މި ނަތީޖާއާއެކު ރެލިގޭޝަނުގައި ކުޅެން ޖެހިފައި އޮތް ދަ ގްރާންޑޭއިން މި ފަހަރުގެ ލީޑު ނިންމާލީ 21 މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގު ތާވަލުގެ ފުލުގައި އޮވެއެވެ. މި މެޗުން ބަލިވި ސަސްވެސް ރެލިގޭޝަން ކުޅެން ޖެހޭއިރު، އެ ޓީމުން ލީގު ތާވަލުގެ ހަތްވަނައިގައި އޮތީ 21 މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ.