ޚަބަރު

މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަމެންޓް ފޯރަމް މާދަމާ ރާއްޖޭގައި ފަށަނީ


ރާއްޖޭގައި މާދަމާ ފަށާ މިއަހަރުގެ އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގައި 21 ޤައުމަކުން 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމް މާދަމާ ފެށުމަށް ހަމަޖެހިވާއިރު، ފޯރަމް ފައްޓަވައިދެއްވާނީ ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

މި މިއަހަރުގެ އިންޑޯ-ޕެސިފިކް އެންވަޔަރުމަންޓް ސެކިއުރިޓީ ފޯރަމް ހޯސްޓް ކުރާ ޤައުމަކީ ދިވެހިރާއްޖެއެވެ. ފޯރަމްއަކީ ސަރަޙައްދުގެ ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގެ ތެރެއިން، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ސަރަޙައްދީގޮތުން އެންމެ މަތީފެންވަރުގެ މަސްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވާ ފޯރަމެކެވެ.

ފޯރަމް އޮންނާނީ އޮގަސްޓް 1 އިން 4 އަށް ކުރުނބާ މޯލްޑިވްސްފައެވެ. މިއަހަރު މި ފޯރަމް ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން، ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކޮށްފައިވާ 24 ބައިވެރިން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މިފޯރަމްގައި ބައިވެރިވާނެއެވެ.

ފޯރަމްގެ ސެޝަންތައް އެކި ދުވަހު ކުރިއަށްގެންދާނީ އެކި މަޢުލޫމާތަކަށެވެ.

ފޯރަމްގެ ސެޝަންތައް:
* ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް
* ސްމޯލް އައިލެންޑް ނޭޝަސް ކޮންސާންސް
* އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ
* ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް

މި ފޯރަމްގައި ރާއްޖޭގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުންނާ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދައްކާލުމާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. އެގޮތުން ފޯރަމްގެ ބައިވެރިން މާލެއަތޮޅު ހުރާއަށް ޒިޔާރަތްކޮށް، އެރަށުގެ ތިމާވެށީގެ ޙާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ކޮވިޑުގެ ޚާއްޞަ ހާލަތާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މިފޯރަމް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. ރާއްޖޭގައި އެންމެ ފަހުން މި ފޯރަމް ބޭއްވީ 2014 ވަނަ އަހަރުއެވެ.