ޚަބަރު

3 އަތޮޅެއްގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ފަށައިފި


ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް އަތޮޅުތެރޭގެ ކަނޑައެޅިފައިވާ ރަށްތަކުގައި ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރާއި އެކު ސޮއިކޮށްފައިވަނީ 50 އަހަރުގެ ސާރވިސް އެގްރީމަންޓެއްގައެވެ. މިއެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ. ގަން، ލ. އިސްދޫ އާއި ލ. ކަލައިދޫ އަދި ގުޅިފައިވާ ރަށްތަކަށް ބަހުގެ ޙިދުމަތް މިހާރު ވަނީ ފަށާފައެވެ.

ފެންވަރު ރަނގަޅު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޙިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ޙިދުމަތް ދިނުން ހިމެނެއެވެ. އެގޮތުން މި ޙިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ގެނެސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ކަނޑައެޅިފައިވާ ރަށްތަކަށް މިހާރުވަނީ ގެންދެވިފައެވެ. އެގޮތުން ލ. އިސްދޫ އާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމަށް އަދި ގުޅިފައިވާ ރަށްތަކަށް 4 ބަސް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން ފުވައްމުލަށް ސިޓީއަށް 4 ބަސް، އަދި އައްޑޫ ސިޓީ އަށް 13 ބަސް ވަނީ ގެންދެވިފައެވެ.

އެމްޓީސީސީން ބުނީ އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދޭން ފެށުނު ނަމަވެސް، އޯގަސްޓް މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައްކަމަށެވެ. އަދި މި މުއްދަތުގައި އަގު ނެގުމަކާއި ނުލާ ބަސްތަކުގައި ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން 3 އަހަރުން ދަށުގެ ކުދިންނަށާއި ސްކޫލް ކުދިންގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭކަމަށް އެ ކުންފުނިން ބުނެއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ބަސްތައް ފޮނުވުމުގެ ކުރިން، މި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތަކާއި އިންތިޒާމްތައް، ރަށްތަކުގައި ވަނީ ހަމަޖައްސާފައެވެ. އެމް.ޓީ.ސީ.ސީން ވަނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ހަމަޖެއްސުމާއި، ކައުންސިލްތަކުގެ ލަފަޔާއެކު ބަސްތައް މަޑުކުރާނެ ސަރަޙައްދުތައްވެސް ހަމަޖައްސާފައެވެ. ބަސް ދަތުރުތަކަށް ރޫޓްތައް ހަމަޖެއްސުމުގައި ބަލާފައިވަނީ، އެންމެ ގިނައިން މީހުން ޚިދުމަތްތައް ހޯދުމަށްދާ ސަރަޙައްދުތަކާއި އަދި ދަތުރުކުރަންޖެހޭ ސަރަޙައްދުތަކަކަށެވެ.


އާރްޓީއެލް ޙިދުމަތުގައި ބޭނުންކުރާ ބަސްތަކަކީ އެއަރ ކޮންޑީޝަން ކުރެވިފައިވާ ދަތުރުކޮށްލަން ހިތްފަސޭހަ ބަސްތަކެކެވެ. އަދި މީގެން ކޮންމެ ބަހެއްގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ. މިނީ ބަސްތައް ފަރުމާކޮށްފައިވަނީ ރަށްރަށުގެ ހަނި ގޯޅިތަކުގައިވެސް ދުއްވޭ ސައިޒަށެވެ. ބަސްތައް ފަރުމާކޮށްފައިވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބަހަށް އަރާ ފޭބޭނެ ގޮތަށެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕް އެމްޓީސީސީގެ ވެބްސައިޓުންނާއި mv.mtcc.www އާރްޓީއެލް ވެބްސައިޓުން mv.rtl.www ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށެވެ.