އެމިރޭޓްސް ކަޕުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އާސެނަލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމާ ދާދި ފަހުން ގުޅުނު ބްރެޒިލުގެ ފޯވާޑް ގެބްރިއަލް ޖޭސުސް ވަނީ ހެޓްރިކް ހަދާފައެވެ. މިއީ އޭނާ އާސެނަލުގެ އެމިރޭޓްސް ސްޓެޑިއަމުގައި އެ ކުލަބުގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި އާސެނަލުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖަހައިދިނީ ޖޭސުސްއެވެ.
މި މެޗުގެ 15 ވަނަ މިނެޓުގައި ޖޭސުސް ވަނީ އާސެނަލުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ސަކާ ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި އާސެނަލުގެ ފަސްވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށް، ޖޭސުސް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. ދެން މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އެޑީ ކޭޓިއާއެވެ.
މި ކާމިޔާބީއާއެކު އާސެނަލުން ވަނީ މި ފަހަރުގެ ޕްރީ-ސީޒަން ނިންމާލާފައެވެ. އަދި މި ފަހަރުގެ ޕްރީ-ސީޒަންގައި ޖޭސުސް ވަނީ އާސެނަލަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.