ކުޅިވަރު

ކެޕިޓަލް ސިޓީ އަތުން ޖޭޖޭއަށް ފަސޭހަ މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު ޖޭޖޭ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުން ޖޭޖޭ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޖޭޖޭ ސްޕޯޓްސްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) ވަނީ ހެޓްރިކެއް ހަދާފައެވެ. އޭނާ ވަނީ މި މެޗުގައި ޖޭޖޭ ގެ ފުރަތަމަ ލަނޑުވެސް ޖަހާފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 38 ވަނަ މިނެޓުގައެވެ.
ބޮކުރީ ގެ ދެވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކުރިއިރު، އެ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ޖޭޖޭ ޓީމަށް ދެން ލަނޑުތަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހުނެއިފް އާއި ދެވަނަ ހާފުގައި ކުޅެން އެރި މުޙައްމަދު ފުހެއިދެވެ. މީގެ ތެރެއިން ހުނެއިފް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މީގެ އިތުރުން ޖޭޖޭގެ ހަވަނަ ލަނޑު ފުހެއިދު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށެވެ.


މި މޮޅާއެކު ޖުމްލަ އަށް ޓީމު ހިމެނޭ ގްރޫޕް އޭގެ ތިންވަނައިގައި ޖޭޖޭ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ކެޕިޓަލް ސިޓީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ފަސް މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.