ޚަބަރު

އިނގިރޭސިވިލާތުގެ ވިޔަފާރިތައް ޗައިނާއާއި ގުޅުން ކަނޑާލަނީ


ސިޔާސީ ފިއްތުންތަކާމެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ޗައިނާއާ ގުޅުން ކަނޑާލަން ނިންމައިފިއެވެ.

މިކަމުގެ ސަބަބުން އިންފްލޭޝަންގެ ޕްރެޝަރު އުފެދިދާނެކަމަށް ކޮންފެޑެރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީ، ސީ.ބީ.އައިގެ އިސް ވެރިޔާ ވަނީ ވިދާޅުވެފައެވެ. މިވަގުތު ވާހަކަ ދައްކާ ކޮންމެ ކުންފުންޏަކީވެސް އެމީހުންގެ ސަޕްލައި ޗޭންތަކާމެދު އަލުން ވިސްނުމުގައި އުޅޭ ކުންފުނިތައްކަމަށް ސީ.ބީ.އައިގެ ޑިރެކްޓަރު ޖެނެރަލް ޓޯނީ ޑެންކާއާ ވިދާޅުވެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއަކީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުން އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމެވެ. މިގޮތުން އިނގިރޭސިވިލާތުން މުދާ އިމްޕޯޓުކުރި ޖުމްލަ އަދަދުގެ %13 އަކީ ޗައިނާއިން އިމްޕޯޓުކުރި މުދަލެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ސަލާމަތީ ކަންބޮޑުވުންތައް ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވަނީ ހޮންކޮންގާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ޗައިނާއާއެކު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. އަދި ޤައުމީ ސަލާމަތަށްޓަކައި ޗައިނާއިން ކުންފުނިތައް ގަތުން އިނގިރޭސިވިލާތުން ވަނީ ހުރަސް އަޅާފައެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރޝިޕް މުބާރާތުގައި ބާކީ ތިބި ދެ ކެންޑިޑޭޓުން ކަމަށްވާ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް އާއި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކްވެސް ވަނީ ޗައިނާއާ މެދު ހަރުކަށި ގޮތްތަކެއް ގެންގުޅުމަށް ގަސްތުކުރާ ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން މިދިޔަ މަހު ވަނީ %9.4 އަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 40 އަހަރުތެރޭގައި އެ ޤައުމުގެ އިންފްލޭޝަން މިހާ މަތިވި ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތުގެ އިންފްލޭޝަން މަތިވެފައި މިވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.