ކުޅިވަރު

ޓެންޓް ބަލިކޮށް ބުރު ސްޕޯޓްސް ސެމީއާ ގާތަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ހަނި ގޮތަކަށް ޓެންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ސެމީ ފައިނަލާ ގާތަށް ބުރު ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުން ބުރު ސްޕޯޓްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ޓެންޓުގެ އަރާޝް އައްސަދު މުޙައްމަދަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރޭގައި މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބުރު ސްޕޯޓްސްގެ ބިދޭސީ ޑިފެންޑަރު ބްރޫނޯ އަރަބަލް ޕަސަމާނީއެވެ.

އޭގެ ފަހުން ބުރުން ވަނީ ކުޅުން ރަނގަޅުކޮށް ޓެންޓުގެ ހާފަށް ނުރައްކާކޮށްފައެވެ. އެގޮތުން ބުރުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ބުރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯއެވެ. މިއީ ލިބުނު ހިލޭ ޖެހުމެއްގައި މިރްޖައުލް ކަސަވޯވް ނަގައިދިން ހުރަހެއްގެ ފައިދާ ނަގައި ބްރޫނޯ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބުރުން ވަނީ ޓެންޓުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މި ހާފުގައި ޓެންޓުން ވަނީ ވަރުގަދަ ޑިފެންސެއް ކޮށް ބުރުގެ ހަމަލާތައް ހުއްޓުވައިފައެވެ.

މި މެޗުން ބުރު ސްޕޯޓްސް މޮޅުވިއިރު، އެ ޓީމުން ވަނީ ގުރޫޕް އެކެއްގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ބުރު ސްޕޯޓްސް އޮތީ 15 ޕޮއިންޓާ އެކުއެވެ. މި ގުރޫޕްގައި ބުރު ސްޕޯޓްސްއަށް ބާކީ ދެ މެޗު އޮތްއިރު، ސެމީގެ ޖާގައެއް މުޅިން ކަށަވަރުކުރުމަށް އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މީގެ އިތުރުން ބުރު އަތުން ބަލިވި ޓެންޓް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތަރު މެޗުން ހަ ޕޮއިންޓާއެކުއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.