ކުޅިވަރު

ރާއްޖެ ބަލިކޮށް ބަންގްލަދޭޝް ފައިނަލާ ގާތަށް


އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް ފައިނަލާ ގާތަށް ބަންގްލަދޭޝް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝްއ ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބަންގްލަދޭޝްއިން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 19 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިރްޖާލުލް އިސްލާމެވެ.

އޭގެ ދެ މިނެޓު ފަހުން މިރްޖާލުލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބަންގްލަދޭޝްގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ އެ ޓީމުން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިރްޖާލުލްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފީގުލް އިސްލާމެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިރްޖާލުލް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ.

މި މޮޅާއެކު ބަންގްލަދޭޝްއިން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ފައިނަލާ ގާތަށް ޖެހިލާފައެވެ. އަދި ރާއްޖެއަށް މިހާރު ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.

ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރު، ދެވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އިންޑިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ލަންކާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ފުރަތަމަ ތިން މެޗުން ބަލިވުމުން ލަންކާ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގައި ލަންކާ ފަހު މެޗުގައި އާދީއްތަ ދުވަހު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

މި މުބާރާތުގައި ޒުވާން ގައުމީ ޓީމަށް އިރުޝާދުދެނީ ގައުމީ ސީނިއާ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) އެވެ. ޝާކިއްޓެއާ އެކު ކޯޗިން ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި އިބްރާހީމް ސައީދު (ކަކާ) އަދި އަޙްމަދު ފައްރާހު (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުޙައްމަދު އަބީރެވެ.