ޚަބަރު

ޔޫކްރެއިނުން ރަޝިޔާގެ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް


ޔޫކްރެއިނުގެ ދެކުނުގައި ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަށް ޔޫކްރެއިނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. ޔޫކްރެއިންގެ އަސްކަރީ މަތިންދާބޯޓުތަކުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ރަޝިޔާ ސިފައިން ހިފާފައިވާ ޚަރްސަން ސަރަޙައްދުގެ އަމާޒުތަކަށެވެ.

ޚަރްސަންއަކީ، 2014 ވަނަ އަހަރު ރަޝިޔާ ސިފައިން އަރައި ހިފާފައިވާ ކްރައިމިޔާއާ އިންވެގެން އޮންނަ ސަރަޙައްދެވެ. މި އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން އަލުން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެންމެ ފުރަތަމަ ހިފާފައިވާ އެއް ސަރަޙައްދަކީ ވެސް ޚަރްސަންއެވެ. އެ ރަށުގައި ދިފާޢީ ކަންކަން ވަރުގަދަ ކުރުމަށް ރަޝިޔާ ސިފައިން ވަނީ އަސްކަރީ މަރުކަޒުތަކެއް ޤާއިމު ކޮށްފައެވެ. ޔޫކްރެއިންގެ އަސްކަރީ މަތިންދާބޯޓުތަކުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ތަންތަނަށެވެ. އަދި، ދުރު ރާސްތާ މިސައިލް ބޭނުން ކޮށްގެން ޑްނީޕްރޯ ކޯރު ހުރަސް ކުރެވެން އޮންނަ މައި ތިން ބުރިޖެއް ވެސް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ވަނީ ހަލާކު ކޮށްލާފައެވެ. މި ހަމަލާތަކާ އެކު، ޚަރްސަންގައި ތިބި ރަޝިޔާ ސިފައިންގެ ފައުޖުތައް އެކަހެރި ވެފައިވާ ކަމަށް ބެލެވެއެވެ. އަދި، އެ މީހުންނަށް އެއްގަމު މަގުން އަސްކަރީ ސާމާނު ފޯރު ކޮށްދިނުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް ވަނީ ހުރަސް އެޅިފައެވެ.

ޚަރްސަންއާ އިންވެގެން އޮންނަ ބައެއް ރަށްތައް ޔޫކްރެއިނުގެ ސިފައިން ވަނީ ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޔޫކްރެއިން ސިފައިންނަށް އަމާޒުކޮށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ހަމަލާތަކެއްގައި 130 މީހުން މަރައިލާފައިވާ ކަމަށް ރަޝިޔާއިން ވެސް ބުނެފައިވެއެވެ. މި ހަމަލާތަކުގެ ރައްދުގައި ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިނުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. ރަޝިޔާގެ އެންމެ ފަހުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ކީވުގެ ރަށްބޭރުގެ ސަރަޙައްދުތަކަށެވެ.

މީގެ ތެރެއިން ވިޝްހޮރޮޑް ކިޔާ ސަރަޙައްދެއްގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި ފަނަރަ މީހުން ޒަޚަމްވި ކަމުގައި ކީވްގެ ގަވަރުނަރު އޮލެކްސީ ކުލެބާ ވިދާޅުވިއެވެ. ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާއިން ކީވަށް ދިން ވަރުގަދަ ހަމަލާތައް ހުއްޓައިލުމުން އެ ރަށުގެ ރައްޔިތުން ވަނީ ޢާންމު ހާލަތަކަށް ރުޖޫޢަވެފައެވެ. ނަމަވެސް، ރަޝިޔާގެ އައު ހަމަލާތަކާ އެކު އެ ރަށުގެ ރައްޔިތުންނަށް އަނެއްކާ ވެސް މި ވަނީ ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެވެ.

ލިތުއޭނިޔާގެ ރައީސް ގިތާނަސް ނޯސިއެދާ ވަނީ ޖުލައި 28 ގައި ޔޫކްރެއިނަށް ޒިޔާރަތް ކުރައްވައި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވާފައެވެ. އަދި، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއް ކުރިއަށްދިޔަ ވަގުތުގައި ވެސް ރަޝިޔާގެ ސިފައިން ވަނީ ކީވްގެ ރަށްބޭރުގެ ސަރަޙައްދުތަކަށް ހަމަލާދީފައެވެ.