ބާންލީއަށް ކުޅެމުންދިޔަ ޑްވައިޓް މެކްނީލް، އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މެކްނީލް އެވަޓަންއަށް ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ އަގު 20 މިލިޔަން ޕައުންޑަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެކްނީލް މިހާތަނަށް ވަނީ ބާންލީއަށް 140 މެޗު ކުޅެދީފައެވެ. އަދި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު މިހާތަނަށް އޭނާއަށް ނުކުޅެވުނީ ޕްރިމިއާ ލިގުގެ އެންމެ ދެ މެޗެވެ.
އިންގްލަންޑުގެ 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅެފައިވާ މެކްނީލް އަކީ އެވަޓަންއަށް މިފަހަރު ގެންދިޔަ ތިންވަނަ ކުޅުންޔެރިޔާއެވެ. އެވަޓަންއަށް ސޮއިކުރުމަށް ފަހު އުމުރުން 22 އަހަރުގެ މެކްނީލް ބުނީ އެ ޓީމަށް ސޮއިކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެވަޓަންއިން އޭނާއަށް ޝައުގުވެރިވާކަން އެނގުމާއެކު، އިތުރަށް ވަގުތު ގެއްލުވާނުލައި އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެވަޓަންއަށް ސޮއިކުރަން ކަމަށްވެސް ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނގައި ޕްރިމިއާ ލީގުގެ ސްޓެޓިސްޓިކްސްއަށް ބަލާލާއިރު މެކްނީލް އަކީ ދެވަނައަށް އެންމެ ގިނަ ޑްރިބްލް ކާމިޔާބުކާމައެކު ފުރިހަމަކުރި ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ތިންވަނައަށް އެންމެ ގިނަ ހުރަސް ނަގައިދިން ކުޅުންތެރިޔާއެވެ.