ޚަބަރު

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންކަން ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން - ޚުޠުބާ


ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ތިމާ އޫޅޭ ތަން ދޫކޮށް ދިއުން ނޫންކަމަށާއި، އޭގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންކަން ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި މަޢުޞޫއަށެވެ.

ޚުތުބާގައި ވިދާޅުވީ، އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންކަމުން ދުރުހެލިވުންކަމަށެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބުރަތާއި ދަރުސްތަކެއް ހިމެނޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެންމެ މުހިންމު އެއް ފިލާވަޅަކީ އިސްލާމް ދީނަށްޓަކާ ތިބާގެ ހުރިހާ ކަމެއް ޤުރުބާން ކުރުމުގެ މަތިވެރި ފިލާވަޅުކަން ފާހަގަކުރެއްވިއެވެ. ކީރިތި ރަސޫލާ ބޮޑުފުޅުވި ރަށާއި، ގާތްތިމާގެ ބޭފުޅުންނާ، އާއިލާގެ ބޭފުޅުން ދޫކުރައްވާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ ދީނުގެ ދިފާޢުގައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި ހިޖުރައިގެ ދަތުރުފުޅުން ލިބޭ އަނެއް މުހިންމު ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގައި އެންމެ މުހިންމު ބަޔަކީ ރޭވުންތެރިކަން އިޚްތިޔާރުކުރުންކަމަށް ވިދާޅުވިއެވެ.

އެގޮތުން ކަންކަން ހަމަޖެއްސުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައެޅުމާއި މަޤުޞަދު ސާފުވުން ވަރަށް މުހިންމުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސްކުރުމުގެ ރިވެތި ފިލާވަޅުވެސް ލިބިދޭކަމަށް ވިދާޅުވިއެވެ.

"ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން، ދަތި އުނދަގޫ ވަގުތުގައިވެސް އިމާންކަމުގެ އަހުލުވެރިން ޡާބިތުކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. ރަސޫލާއާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދަލުގެ ހޮހޮޅައިގައި ތިއްބެވިއިރު، އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. މައްކާ މުޝްރިކުންގެ މީހަކު މިތަނަށް އައިސް ތިރިއަށް ބަލާލައިފިނަމަ، ތިމަންބޭކަލުން ފެންނާނެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅު ނުކުރާށެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި މާތްﷲ ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

މިއީ އެ ހާދިސާއަކަށް ބާލައިރު އަހަރަމެންނަށް ގިނަގުނަ އިބުރަތްތަކެއްވާ ޙާދިސާއެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ކަންކަމުގައި ވަކީލު ކުރަންޖެހޭކަމީ ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅެކެވެ. މާތް ﷲ އާއި ވަކީލު ކުރުމަކީ އެއްވެސް ޙާލެއްގައި ވަކީލު ކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ވަކީލު ކުރުމަކީ ކަންކަން ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، ﷲ ގެ ޙަޞުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަޤީންކޮށްގެން ތިބުންކަމަށްވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.