ޚަބަރު

މިއަހަރު 21 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ބާއްވަނީ


މިއަހަރު 21 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ބާއްވަން ނިންމާފައިވާކަން އެފްއޭއެމްއިން ހާމަކޮށްފިއެވެ.

ޓީވީއެމްގެ ކުޅިވަރު
ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ
21 އަހަރުންދަށުގެ ފުޓްބޯޅަ ލީގަކީ ވަރަށް މުހިންމު މުބާރާތެއްކަމަށާއި، އާ ގިނަ
ކުޅުންތެރިންތަކެއް ފެނިގެންދާނެ މުބާރާތެއްކަމަށެވެ. ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ބަލާލުމުން އުފާވެރިކަމެއް ލިބިގެންދާނެކަމަށާއި، އޭގެތެރެެއިން އެންމެ މުހިންމު އެއްކަމަކީ 21 އަހަރުން
ދަށުގެ ފުޓްބޯޅަ ލީގުކަމަށް ބައްސާމް ވިދާޅުވިއެވެ.

 މިލީގު ވެގެންދާނީ
ހައެއްކަމަސްދުވަހަށް ދިގުދެމިގެންދާ ލީގެއްގެ ގޮތުގައެވެ. ރާއްޖެއިން
ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދި ޓީމަށް ބަލާލިނަމަވެސް އެޓީމްގައިވެސް
މުޅިންހެން ހިމެނިފައިވަނީ ޔޫތް މުބާރާތްތަކުން ވިދާލައިގެން ސީނިއަރ ޓީމްތަކުން ޖާގަ ހޯދި ކުޅުންތެރިންނެވެ. އިންޓަރ ސްކޫލް މުބާރާތްތަކުން ވިދާލާފައިވާ ކުޅުންތެރިންނެވެ. ބައްސާމް ވިދާޅުވީ މިއަހަރު އަލަށް ފެށުމަށް ހަމަޖެހިފައިވާ
21 އަހަރުން ދަށުގެ ލީގުގައި އެހެން ޓީމްތަކުގެ އިތުރުން 21 އަހަރުން ދަށުގެ ޤައުމީ ޓީމެއްވެސް ވާދަކުރާގޮތަށް ރޭވިފައިވާކަމަށެވެ.



" މިމުބާރާތް ވެގެންދާނީ ވަރަށް ފޯރިގަދަ މުބާރާތަކަށް. މިލީގުގައި ވާދަކުރާ ޤައުމީޓީމް ވެގެންދާނީ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، ކުޅުމަށް ފުރުސަތު ނުލިބޭ ކުޅުންތެރިން ހިމެނޭ ޓީމަކަށް. މާނައަކީ ވަރަށް މަދުން ފުރުސަތު ލިބޭ ކުދިން، އާއްމުކޮށް ބެންޗުން އަރާ ކުދިން މިގައުމީ ޓީމްގައެއް ނުހިމެނޭނެ. ނަމަވެސް މަދުން ފުރުސަތު ލިބޭ ކުދިންނަށްވެސް ލީގުގައި ބައިވެރިވެވިދާނެ" ބައްސާމް ވިދާޅުވިއެވެ.

ނިމިގެންދިޔަ އަތޮޅު ފުޓްބޯޅަ
މުބާރާތުގައިވެސް ވަރަށްގިނަ ޒުވާން ކުޅުންތެރިން ފެނިގެންދިޔަކަމަށާއި، އޭގެ
ތެރެއިން ބައެއް ކުޅުންތެރިން ކުލަބްތަކަށް ސޮއިކުރަމުންދިއުމަކީ ފުޓްބޯޅަައިގައި
ހުނަރުވެރި ޒުވާން ކުޅުންތެރިން ތިބިކަމުގެ ހެއްކެއްކަމަށްވެސް ބައްސާމް އަދީލް
ޖަލީލް ވިދާޅުވިއެވެ.