ކުޅިވަރު

ވޮލީގެ ދެ ޓީމްވެސް ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑު


ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީބޯޅައިގައި
ރާއްޖެއާ އެއް ގުރޫޕެއްގައި ވަރުގަދަ ޕާކިސްތާން ލައްވާލައިފިއެވެ.

އަންނަ ހުކުރު
ދުވަހު އިންޑިއާގައި ފަށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން
ވޮލީ ބޯޅައިގައި ރާއްޖެ ލައްވާލާފައިވަނި ގުރޫޕް ބީގައެވެ. މިގުރޫޕްގައި ހިމެނެނީ
ޕާކިސްތާން، ބަނގްލަދޭޝް، އަފްޣާނިސްތާން އަދި ރާއްޖެއެވެ. ގްރޫޕްބީގައި ހިމެނެނީ
މިސަރައްހަދުގެ ވޮލީގެ ރަސްގެފާނުކަމުގައިވާ އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލްއެވެ. 

ރާއްޖެ
ހިމެނޭ ގުރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ރާއްޖެއަށް ސެމީއަށް ދެވިދާނެކަމަށާއި، ބަނގްލަދޭޝްއާ އަފްޣާނިސްތާނަކީ ރާއްޖެއަށް ބަލިނުކުރެވޭ ވަރުގެ ޓީމްތަކެއްނޫންކަމަށް
ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބުރައީސް އިލްޔާސް ވަހީދު ވިދާޅުވިއެވެ. ރާއްޖޭގެ ފުރަތަމަ މެޗްގައި މިމަހުގެ ފަސްވަނަ ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ހަވަނަ ދުވަހު
ބަނގްލަދޭޝްއާ ދެކޮޅަށް ކުޅުމަށްފަހު ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިމަހުގެ ހަތްވަނަ
ދުވަހު ރާއްޖެ ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.



މިމުބާރާތުގެ އަންހެން ބައިގައި ރާއްޖެ ހިމެނިފައިވަނީ
ގުރޫޕް އޭ ގައި. އެއީ އިންޑިޔާއާއި، ޕާކިސްތާނާއި، އެއް ގުރޫޕެއްގައެވެ. ރާއްޖޭގެ
އަންހެން ޓީމް ފުރަތަމަ މެޗުގައި ވާދަކުރާނީ އިންޑިޔާއާއެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ހަވަނަ ދުވަހު ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. 

މިސަރަހައްދުގައި އިންޑިޔާއަކީ ތަފާތު ޓީމެއްކަމަށާ، ނަމަވެސް ޕާކިސްތާނަކީ
ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމެއްކަމަށް އެސޯސިއޭޝަނުން ޤަބޫލުކުރެއެވެ. އަންހެން ޓީމަށް ގުރޫޕްގެ
ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބްރައީސް އިލްޔާސް ވަހީދު ވިދާޅުވިއެވެ. 

ސައުތް އޭޝިއަން ގޭމްސް އޮންނާނީ މިމަހުގެ
ހަޔަކުން ސޯޅައަށް އިންޑިޔާގެ ގުވަހަޓީއާއި، ޝިލޮންގައެވެ.