ޚަބަރު

ފުވައްމުލަކާއި ލ.އަތޮޅަށް މިނީ ބަސް ގެންގޮސްފި


ލ.އަތޮޅާއި ފުވައްމުލައް ސިޓީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް ފޮނުވައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ ރާއްޖޭގެ 3 އަތޮޅެއްގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށެވެ. މިނީ ބަހަކީ ކުދި މަގުތަކުގައި ފަސޭހައިން ދުއްވޭގޮތަށް ފަރުމާކޮށްފައިވާ، 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މި ޚިދުމަތަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް ރާއްޖެ ގެނައީ ޖުލައި 16ވަނަ ދުވަހުއެވެ. މި މަސައްތަކުގެ ތެރެއިން 24 ބަސް ޚާއްސަކޮށްފައިވަނީ، އައްޑުއާއި ފުވައްމުލައް ސިޓީ އަދި ލ.އަތޮޅުގައި ބަހުގެ ޚިދުމަތް ދިނުމަށެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާ ރަށްތައް

  • އައްޑޫ (ފޭދޫ-ހިތަދޫ) - 8 މިނީ ބަސް / 4 ރޫޓް
  • އައްޑޫ (ހުޅުމީދޫ) - 4 މިނީ ބަސް / 4 ރޫޓް
  • ފުވައްމުލައް ސިޓީ - 5 މިނީ ބަސް / 3 ރޫޓް
  • ލާމު މެއިން ލޭންޑް ( ގަން-ފޮނަދޫ) - 5 މިނީ ބަސް / 4 ރޫޓް
  • ލާމު (އިސްދޫ-ކަލައިދޫ) - 2 މިނީ ބަސް / 1 ރޫޓް

އަތޮޅުތަކުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ފޮނުވުމުގެ މަސައްކަތް އެމްޓީސީސީން ފެށީ ޖުލައި 24ވަނަ ދުވަހުއެވެ.

އެގޮތުން މިހާރު މިވަނީ ލ.ގުޅިފައިވާ ރަށްތަކަށް ބޭނުންވާ 4 ބަހާއި، އަދި އިސްދޫ-ކަލައިދުއަށް ފޮނުވާ 2 މިނީ ބަސް އެރަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 5 ބަސްވެސް މިހާރު މިވަނީ ރަށަށް ގެންގޮސްފައެވެ. އައްޑުއަށް ބޭނުންވާ ބައްތައް ގެންސުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މި މަސް ނިމުމުގެ ކުރިން، ކުރިއަށް އޮތް 3 ދުވަސްތަރޭ ރަށްރަށުގައި މި ޚިދުމަތް ފެށުމަށެވެ.

ބަސްތަށް ރަށްރަށަށް ގެންދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ އިންތިޒާމްތަކާއި ތައްޔާރީތައް އެރަށްރަށުގައިވަނީ ކޮށްފައެވެ. އެގޮތުން ބަސްތައް ދުއްވާނެ ރޫޓްތަކާއި ބަސްތައް ހުއްޓާނެ ސަރަޙައްދުތައްވެސް ވަނީ ހަމަޖައްސާފައެވެ.

އަދި ބަސް ދަތުރުތަކަށް ބޭނުންވާ މުވައްޒަފުން ނަގާ، ތަމްރީންތައް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.