ވިޔަފާރި

މިދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި 70 މިލިއަނަށްވުރެ ގިނަ ރުފިޔާ


މިދިޔަ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކ.އަތޮޅުންނާއި އދ.އަތޮޅުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫންމަހު ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި 69،427،407.98 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރު ލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ހަތް ރުފިޔާ ނުވަދިހަ އަށްލާރި) ވަނީ ލިބިފައެވެ. އަދި ސަފާރީތަކުން 1،407،296.60 (އެއް މިލިއަން ހަތަރުލައްކަ ހަތްހާސް ދުއިސައްތަ ނުވަދިހަ ހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ލިބިފައެވެ.

ގްރީން ޓެކްސްގެގޮތުގައި ދައުލަތަށް ޖޫންމަހު ލިބުނު ފައިސާގެ ތެރެއިން 25 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 24.3 މިލިއަނާއި ގެސްޓްހައުސްތަކުން ލިބިފައިވާ 7 ލައްކަ އަށްވުރެ ގިނަ ރުފިޔާއެވެ.

2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ އދ. އަތޮޅުން، ޖޫންމަހު ވަނީ 7.7 މިލިއަން ރުފިޔާ ލިބިފައެވެ. މީގެތެރޭގައި ރިސޯޓް ގެސްޓްހައުސް އަދި ހޮޓެލްތަކުން ލިބުނު އާމްދަނީ ހިމެނެއެވެ.

3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 6.6 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ. މިއީ މުޅިންވެސް ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ރ. އަތޮޅުން ލިބިފައިވާ އަދަދުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފ. އަތޮޅާއި، ފުވައްމުލައް ސިޓީއެވެ. އެގޮތުން ފ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 1567 ރުފިޔާއެވެ. މިއީ ގެސްޓްހައުސްތަކުން ލިބުނު އަދަދެވެ. ފުވައްމުލައް ސިޓީއަށް ލިބުނީ 6261 ރުފިޔާއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.