ޚަބަރު

ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރު ތިންމަސް ދުވަހުގެ ތެރޭގައި ހުޅުވަނީ


ހުޅުމާލޭގައި މިހާރު ހަދަމުންދާ ކޮމިއުނިޓީ ސެންޓަރ ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމައި، ހުރިހާ ވަޞީލަތްތަކާއެކު އެތަން ހުޅުވުމަށް އެޗްޑީސީން ނިންމައިފިއެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި، އެތަނަށް ބޭނުންވާ ސާމާނަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. ހުޅުމާލެ އަކީ ޒުވާނުންގެ ސިޓީއަށް ވެފައި، ހުޅުމާލޭގައި  ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި، ސިނަމާއެއް ހިމެނެއެވެ. އަދި އެސޯސިއޭޝަންތަކަށް އެކި ބޭނުންތައް ކުރެވޭގޮތަށް ހަތަރު ކްލާސްރޫމާއި، ޖިމް އަކާއި، އިންޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަމަޖެހިފައި ހުންނާނެކަން ސައިމަން ފާހަގަ ކުރެއްވިއެވެ.އެޗްޑީސީން ޢަމަލީ މަސައްކަތް ކުރިއަށްގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ތަފާތު މަޝްރޫޢުތައް ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހިންވެސް ފެންނާނެ ކަމަށެވެ. އެގޮތުން ޔޫރޯ މާރކެޓިންގެ ފަރާތުން ހުޅުމާލޭގައި ހަދާ ޔޫތް ޕާކްގެ މަސައްކަތްވެސް މިހާރު އެ ކުންފުނިން ވަނީ ފަށްޓަވާފައެވެ.ޔޫތް ޕާކަކީވެސް ޒުވާނުންނަށް ގިނަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ތަރައްޤީކުރާ ޕާކެކެވެ. އެތަނުގައި ހަދާ ސްކޭޓް ޕާކް މި އަހަރުގެ މެދުތެރޭގައި ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ.