ޚަބަރު

ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އައިއެމްއެފުގެ ތައުރީފު


އަންނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީސް ރީފޯމްކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، (އައި.އެމް.އެފް)އިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އައި.އެމް.އެފްގެ ފަރާތުން މިކަން ފާހަގަކޮށްފައިވަނީ ވަނީ އެ ފަންޑުގެ މިޝަނެއް މިދިޔަ ޖޫންމަހުގެ 21 އިން 29އަށް ރާއްޖެއަށް ކުރި ދަތުރަށްފަހު ނެރުނު ސްޓޭޓްމަންޓެއްގައެވެ.

އައި.އެމް.އެފުން ނެރުނު ސްޓޭޓްމަންޓުގައި ވަނީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކޮށްފައެވެ. އަދި އިޤްތިޞާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން ފާހަގަކޮށްފައިވެއެވެ.

ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވި ނަމަވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގެ ފަތުރުވެރިން އައުން އިތުރުވުމާގުޅިގެން ދަށްވި ބައި ފޫބެއްދިފައިވާކަމަށް އައި.އެމް.އެފުން ބުނެފައިވެއެވެ. އަދި މިއާއެކު ރާއްޖޭގެ އިޤްތިޞާދު މިއަހަރު %8.7 ކުރިއަރާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ލަފާކޮށްފައެވެ.

ކެޕިޓަލް ޚަރަދު ބޮޑުވެ، ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވަމުންދާތީއާއި ލޯނު އިންޓްރެސްޓަށް ކުރާ ޚަރަދު އިތުރުވަމުންދާތީ ރާއްޖޭގެ މާލީ ހާލަތާއި އެކްސްޓަރނަލް ސެކްޓަރ ވަލްނަރަބިލިޓީސް ބެލެންސް އޮފް ޕޭމަންޓް އަދި ރިޒާރވާ ގުޅުންހުރި ރިސްކް ވަރަށް ބޮޑަށް ބޮޑުވެފައިވާކަން އައި.އެމް.އެފުން ވަނީ ފާހަގަކޮށްފައެވެ.

ކެޕިޓަލް ޚަރަދު ބޮޑުވިނަމަވެސް މިހާރު ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަކީ، އެ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދަށް އޭގެ އެދެވޭ ނަފާ ކުރާނެ، އަދި މެދުރާސްތާގައި އިޤްތިޞާދީ ދުވެލި ކުރިއެރުމަށް އެހީތެރިވެދޭނެ މަޝްރޫޢުތަކެއްކަން ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ. ސަބްސިޑީއަށް ކުރާ ޚަަރަދު ބޮޑުވެފައިވަނީ ސަރުކާރުން ދޭ ފިއުލް ސަބްސިޑީ އަދި އާސަންދަ ސްކީމަށް ކުރާ ހޭދަ އިތުރުވެފައިވާތީއެވެ. އެހެންކަމުން ސަރުކާރުން ސަބްސިޑީ ރީފޯމްކުރުމަށްޓަކާ، މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް 2023ވަނަ އަހަރު ގެނައުމަށް ވަނީ ނިންމަވާފައެވެ. މި ބަދަލުތަކަށް އައި.އެމް.އެފުން ވަނީ މަރުޙަބާ ކިޔާފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން 2023ވަނަ އަހަރު ޖީ.އެސް.ޓީއާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމަށާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން އައި.އެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

މި ސްޓޭޓްމަންޓުގައި އެކްސްޓަރނަލް ސެކްޓަރގެ ވަލްނަރަބިލިޓީސް އިތުރުވަމުންދާކަމުގައި ވީނަމަވެސް، ކޯވިޑަށްފަހު އިޤްތިޞާދު ރަނގަޅުވުމާއި ގުޅިގެން ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ކޯވިޑުގެ އެންމެ ގޯސް ޙާލަތުގައި ހުރި މިންވަރާ އަޅާބަލާއިރު ދަށްވެފައިވާކަން އައި.އެމް.އެފުން ވަނީ ފާހަގަކޮށްފައެވެ. އަދި އެމެރިކާ ޑޮލަރު ލިބުން ދަތިވެ، ޕެރެރަލް މާކެޓުގައި ޑޮލަރުގެ އަގު އުފުލުމާއި، ތެލާއި ކާބޯތަކެއްޗަށް ކުރަންޖެހޭ ޚަރަދު އިތުރުވުމާ ގުޅިގެން ދައުލަތުގެ ބޭރުފައިސާގެ ރިޒާވް ދަށްވަމުންދާކަން އައި.އެމް.އެފުން ފާހަގަކުރެއެވެ. އެހެންނަމަވެސް ހިރާސްތަކަކީ ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމުން، އެކަންކަމުން އަރައިގަނެވޭނެ މުހިންމު ސިޔާސަތުތަކެއްކަން އެ ފަންޑުން ބުނެއެވެ.

ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމަށް ދަތިވެ، ފައިނޭންސް ކޮސްޓް ބޮޑުވެފައިވުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ފާހަގަކުރެއެވެ.

ކޯވިޑަށްފަހު މަރުކަޒީ ބެންކުތަކަކުން މަތިކުރަމުން ދިއުމާގުޅިގެން ދުނިޔޭގެ ފައިނޭންޝަލް މާކެޓުގައި އިންޓްރަސްޓް ރޭޓު ބޮޑުވެ، ރާއްޖެއަށްވެސް ފައިނޭންސިންގ ހޯދުމުގައި ދަތިތައް ކުރިމަތިވާނެކަމަށް ލަފާކުރެވޭތީ ސަރުކާރުން ވަނީ 2023އަދި 2024ވަނަ އަހަރު ބަޖެޓް ފައިނޭންސްކުރުމަށް ބައިނަލްއަޤްވާމީ މާލީ ބާޒާރަށް ދާން ނުޖެހޭގޮތަށް ދަޢުލަތުގެ ޚަރުދަތަކާ، ފައިނޭންސިންގގެ ސިޔާސަތު ބައްޓަންކޮށްފައެވެ. މިގޮތުން ބަޖެޓް ފައިނޭންސްކުރުމަށް ސަރުކާރުން އިސްކަންދޭނީ ޑޮމެސްޓިކް ފައިނޭންސިންގ އަދި ކޮންސެޝަނަލް ފައިނޭންސިންގ ހޯދުމަށްކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.