ދުނިޔެ

ދިމިޝްޤަށް އައިއެސް އިން ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފި


ސޫރިޔާގެ ވެރިރަށް  ދިމިޝްޤުގައި ޝިއީންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކެއްގައި ފަސްދޮޅަހަށް ވުރެން ގިނަ މީހުން މަރުވެއްޖެއެވެ.ޝިއީން އަޅުކަންކުރާ ތަނެއްގެ ކައަރީގައި ދިން ބޮމުގެ ތިން ޙަމަލާގެ ޒިންމާ އައި.އެސް ޖަމާއަތުން މިހާރު ވަނީ އުފުލާފައެވެ.ގިނަ އަދަދެއްގެ މީހުން ޒަޚަމްވި މިޙަމަލާތަކުގައި އައިއެސްގެ 25 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޝިއީންގެ ގިނަ އަދަދެއްގެ ބަޔަކު އަޅުކަންކުރުމަށް ދާ މިތަނަކީ މިފަދަ ޙަމަލާތައް ފަހަކަށް އައިސް ވަރަށް ގިނައިން އަމާޒުވެފައިވާ ސަރަހައްދެކެވެ.މިޙަމަލާ ދީފައި މިވަނީ 2011 ވަނަ އަހަރުގެ މާޗް މަހު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި އަދި ސިޔާސީ ހައްލެއް ހޯދުމުގެ މަޤްޞަދުގައި އެޤައުމުގެ ސަރުކާރާއި، އިދިކޮޅު ފަރާތްތައް މަޝްވަރާ ކުރުމަށް ސުވިޓްޒަލޭންޑްގެ ޖެނީވާގައި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު އެންމެ ބޮޑު އިއްތިހާދު ހައި ނެގޯޝިއޭޝަން ކޮމިޓީ އެޗް.އެން.ސީއިން ބުނެފައިވަނީ ސޫރިޔާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ނުހުއްޓާނަމަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ ބޭނުމެއް ނެތްކަމަށެވެ.ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއެކު، އދއިން ސޫރިޔާއަށް ކަޑައަޅުއްވާފައި ހުންނަވާ އެންވޯއިއާ އިއްޔެ ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ، ސޫރިޔާގެ އިންސާނީ ހައްޤުތައް ޤާއިމް ނުކުރެވެނީސް މަޝްވަރާތަކަށް ރުޖޫއަ ނުވާނޭކަމަށެވެ. ނަމަވެސް ދިމިޝްޤުގައި މިދިން ހަމަލާގެ ސަބަބުން އެނެއްކާވެސް ސުލްހައިގެ ވާހަކަ ތަކުގައި ބައިވެރި ނުވާނެކަމުގެ އިންޒާރު ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން މިވަނީ ދީފައެވެ.އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ ސޫރިޔާގައި ހަނގުރާމަކުރަމުންދާ ދެފަރާތުންވެސް އެއްބަސްވުމަކަށް އައިސް، ލޭއޮހޮރުވުން ހުއްޓުމަށް މަސައްކަތް ކުރުމުގެ ގޮތުން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފާ ސުލްޙައިގެ މަޝްވަރާތަކަށް އައުމަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލަތަކަށް ޙައްލު ލިބޭނީ، ދެފަރާތުންވެސް ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލާ ޞުލްހައިގެ އެއްބަސް ވުމަކަށް އައިސްގެން ކަމަށް ކެރީ ވިދާޅުވިއެވެ. އަދި މިފަދައިން ޞުލްހައިގެ އެއްބަސް ވުމަކަށް ނާދެވި ދިގުލައިގެންދާނަމަ، ސޫރިޔާގެ ޙާލަތު އިތުރަށް ގޯސްވެ، މުޅި މެދުއިރުމަތީގެ ސަރަހައްދަށް ހަމަނުޖެހުންތައް ބޮޑުވެ، ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެކަމަށް ކެރީ ވިދާޅުވިއެވެ.ސޫރިޔާގައި ކުރިޔަށްދާ ހަނގުރާމައަށް ހައްލެއް ހޯދުމަށްޓަކައި މަޝްރާކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ދެލި ކޮޕީއެއް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މިކަން ހާސިލްކުރުމަށް ހުސްވި އަހަރުގެ ފަހު ކޮޅުން ފެށިގެން އދން މަސައްކަތް ކުރަން ފަށާފައިވާއިރު، މި ވާހަކަތައް ކާމިޔާބު ކުރުމަށް އެމެރިކާއާ ރަޝިޔާއިން ވެސް ވަނީ ގިނަ ގުނަ މަސައްކަތްތަކެއްކޮށްފައެވެ. މި ވާހަކަތައް އެންމެ ފުރަތަމަ ތަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހަށެވެ.