ޚަބަރު

ފާމަސީ އެސިސްޓަންޓުންގެ ގޮތުގައި 401 ދަރިވަރަކު ދަސްވެނިވެއްޖެ


ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ފާމަސީ އެސިސްޓެންޓުން އުފެއްދެވުމަށް ހިންގެވި ޚާއްޞަ ޕްރޮގްރާމްގެ ދަށުން 401 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި ޕްރޮގްރާމަކީ އެސް.ޓީ.އޯއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުޅުވި ފާމަސީތަކުގައި ހުރި ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާއި، ޓިވެޓް ގުޅިގެން ހިންގެވި ޕްރޮގްރާމެކެވެ. ފާމަރސީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންގެ ދަސްވެނިވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 401 ދަރިވަރަކު ކޯސް ފުރިހަމަކޮށް ސަނަދު ޙާސިލްކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ޙާސިލުކޮށްފައިވަނީ ނެޝަނަލް ސެޓްފިކެޓް ލެވެލް 4 ގެ ފެންވަރުގެ ސަނަދުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރެއިން 130 މީހުން މިވަގުތު ވަޒީފާ އަދާކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. ޓިވެޓް އޮތޯރިޓީގެ ފަރާތުން ކޯހުގައި ތަމްރީނު ދެއްވާފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީތެރިކަމާއެކު ކޯހުގެ ބައިވެރިން ދިރިއުޅޭ ރަށްރަށުގައި ތިބެގެންކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ބޭސް ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީއާއި، ޓިވެޓް އަދި އެސްޓީއޯ ގުޅިވަޑައިގެން މި ޕްރޮގްރާމް ހިންގެވުމުން ކޯހަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ކަމަށާއި ދެއަހަރުގެ ތެރޭގައި 700 ފާމަސިސްޓުން ތަމްރީނުވެގެން މުޖުތަމައަށް ނިކުންނާނެ ކަމަށެވެ.