ޚަބަރު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި


ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ފަތިހު 05:50 ގައި ބޭއްވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ.

މިއަދު މިރަސްމިއްޔާތުގެ ތެރެއިން ހެނދުނު 06:00 އާއެކު ޖުމްހޫރީ މައިދާނުގައި ހުންނަ ކޯއްޓޭއަށް ޤައުމީ ދިދަ ވަނީ ނަގާފައެވެ. އަދި ދިދަ ނަގާ ނިމުމުން ޤައުމީ ދިފާޢީ ބާރުގެ ބޭންޕާޓީގައި ޤައުމީ ސަލާމް ކުޅެފައިވެއެވެ.

ޤައުމީ ދިދަ ނެގުމުގެ އިތުރުން މި ރަސްމިއްޔާތުގައި ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އިސްލާމީކް މިނިސްޓްރީގެ ވާއިޡް އައްޝައިޚް އަޙްމަދު މަޢުމޫނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިއްޒަތްތެރީންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންވެސް މިއަދުގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ދުވަހާއި މިނިވަން ދުވަސް ފަދަ މުނާސަބާތައް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގެ ބޮޑު ކޯއްޓޭއަށް ދިދަނެގުން ބާއްވާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ޖުމްހޫރީ މައިދާން ތަރައްޤީކޮށް ބޮޑު ކޯއްޓޭ ހަަދައި، އެ ކޯއްޓޭއަށް ދިދަ ނަގަންފަށާފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު އަހަރުކަމުގައިވާ 1992 ވަނަ އަހަރުގައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިނިވަން ދުވަހާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. ރަަށްރަށުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.

މިނިވަން ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެހެން އަހަރުތަކާ ޚިލާފަށް މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް ހޯމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ ހަރަކާތްތަކެއް މިއަދު ހަވީރު މާލޭގެ މަގުތަކުގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.